ކ. މާލެ
|
30 އޭޕްރިލް 2025 | ބުދަ 10:05
މެޗުގައި ލަނޑު ޖެހުމަށްފަހު ޕީއެސްޖީގެ ޑެމްބެލޭ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ޕީއެސްޖީގެ ޑެމްބެލޭ އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ޔުއެފާ ޗެމްޕިއަންސް ލީގު
ފުރަތަމަ ލެގުގައި ޕީއެސްޖީން އާސެނަލް ބަލިކޮށްފި
ފުރަތަމަ ލެގުން މޮޅުވެ ޕީއެސްޖީން މުބާރާތުގެ ފައިނަލްގެ އުންމީދު ބޮޑު ކޮށްފައިވާއިރު، ސެމީ ފައިނަލްގެ ދެ ވަނަ ލެގު އޮތީ ޕީއެސްޖީގެ އަމިއްލަ ދަނޑުގަ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އާސެެނަލްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން މުބާރާތުގެ ފައިނަލްގެ އުންމީދު ބޮޑު ކޮށްފި އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ޕީއެސްޖީ އިން ލަނޑު ޖެހީ ވެސް މެޗުގެ ފުރަތަމަ ހާފުގަ އެވެ.

މެޗު ފަށައިގެން ފުރަތަމަ ހަތަރު ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ ފްރާންސްގެ އޮސްމާން ޑެމްބެލޭ އެވެ. އެ ލަނޑު ޖަހަން ޑެމްބެލޭ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ކްވިޗާ ކްވަރަޝްކޭލިއާ އެވެ.

މެޗުގައި ޕީއެސްޖީން އިން ލަނޑު ޖަަހައި ލީޑު ނެގި ފަހުން، އާސެނަލް އިން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ނަމަވެސް އާސެނަލް އިން ފޮނުވާލި ހަމަލާތައް، ޕީއެސްޖީގެ ގޯލު ކީޕަރު ޖިއާންލުއީޖީ ޑޮންނަރުންމާ ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ލެގުން މޮޅުވެ ޕީއެސްޖީން މުބާރާތުގެ ފައިނަލްގެ އުންމީދު ބޮޑު ކޮށްފައިވާއިރު، ސެމީ ފައިނަލްގެ ދެ ވަނަ ލެގު އޮތީ ޕީއެސްޖީގެ އަމިއްލަ ދަނޑުގަ އެވެ. އެ މެޗު އެއްވަރު ކޮށްލައިގެން ވެސް ޕީއެސްޖީ އަށް މުުބާރާތުގެ ފައިނަލްގެ ފުރުސަތު ހޯދޭނެ އެވެ.

- ކޮމެންޓް