ކ. މާލެ
|
29 އޭޕްރިލް 2025 | އަންގާރަ 08:29
ސެމީ ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ
ސެމީ ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ
ރޮއިޓަރސް
ޔުއެފާ ޗެމްޕިއަންސް ލީގު
އާސެނަލް އޮތީ ތައްޔާރަށް، މިއީ މިފަހުން ކުޅޭނެ އެންމެ ބޮޑު މެޗު
ރެއާލް ބަލި ކުރުމާ އެކު، ދެން އާސެނަލަށް ކޮންމެ ޓީމެއް ވެސް ބަލި ކުރެވޭނެ ކަމުގައި އޭނާ ބުނެފައިވެ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށް ނިކުންނައިރު، އާސެނަލް އޮތީ ފުރިހަމަ އަށް ތައްޔާރަށް ކަމަށާއި، މިއީ މި ފަހުން އާސެނަލް ކުޅޭނެ އެންމެ ބޮޑު މެޗު ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

ޕީއެސްޖީ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އާޓެޓާ ބުނީ، މިހާރު އާސެނަލްގެ ޓީމުން އޭނާ އަށް ފެންނަން އޮތީ ހަކަތަ އާއި، ހިތްވަރާއި ތަފާތު ކަންތައްތަކެއް ކަމަށެވެ. އަދި މިއީ އާސެނަލް އިން ރަނގަޅު ޓީމެއް އެކުލަވާލައިގެން ކުޅެން ފެށި ފަހުން، މިހާތަނަށް ކުޅޭނެ އެންމެ ބޮޑު މެޗު ކަމަށް ވެސް އޭނާ ބުންޏެވެ.

އެހެންކަމުން، މުޅި އާސެނަލް އޮތީ ހަކަތަ އާއި ހިތްވަރުން ފުރިގެން ކަމަށާއި، ޕީއެސްޖީއާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ ލެގަށް ކެތްމަދުވެފައި ތިބި ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ މި ސީޒަންގައި އާސެނަލަށް ގިނަ މައްސަލަތަކާއި، ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. ނަމަވެސް، ހިތްވަރާ އެކު އެކަންކަމާ ކުރިމަތިލުމުގެ ނަތީޖާ އަކީ ޔޫރަޕުގެ އެންމެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެން، ސެމީ ފައިނަލާ ހަމަ އަށް އާސެނަލް އައުން ކަމަށް ވެސް އޭނާ ބުންޏެވެ.

މިވަގުތު ވެސް މިއީ އާސެނަލަށް ވަރަށް ތާރީޚީ ވަގުތެއް ކަމަށް އޭނާ ޤަބޫލު ކުރެ އެވެ. އެއީ ގިނަ ދުވަސްތަކަށް ފަހު، ޗެމްޕިއަންސް ލީގުގައި މިހާ ހިސާބަށް އާދެވުން ކަމަށް އޭނާ ފާހަގަ ކުރި އެވެ. ނަމަވެސް، މިހާ ހިސާބުން ފުއްދާލެވެން ނެތް ކަމަށާއި، މިހާރަށް ވުރެ ވެސް ގިނަ ކަންކަން ހާސިލު ކުރަން އާސެނަލް ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

ހަމައެއާއެކު، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ލެގުގައި ވެސް، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑުގެ މައްޗަށް އާސެނަލް ކުރި ހޯދުމާ އެކު، އެ ޓީމާ މެދު މީހުން ދެކެމުން އަންނަ ގޮތް ބަދަލުވެފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ރެއާލް ބަލި ކުރުމާ އެކު، ދެން އާސެނަލަށް ކޮންމެ ޓީމެއް ވެސް ބަލި ކުރެވޭނެ ކަމުގައި އޭނާ ބުނެފައިވެ އެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި މި ދެ ޓީމު ބައްދަލު ކުރާ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗު ފަށާނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

- ކޮމެންޓް