ދިވެހި ރާއްޖޭގެ ފުޓުބޯޅަ މިހާރު ވެއްޓިފައިވާ ހާލަތަށް ބަލާއިރު، ފުޓުބޯޅަ އައިސީޔޫގައި އޮތީ މިހާރު ނޫން ކަމަށާއި، ކުޅިވަރު ވަޒީރުކަމާ އެމަނިކުފާނު ހަވާލުވެ ވަޑައިގެންނެވިއިރު ވެސް ފުޓުބޯޅަ އޮތީ އައިސީޔުގައި ކަމަށް ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.
ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، އެމަނިކުފާނު ވުޒާރާއާ ހަވާލުވީ ވެސް ފުޓުބޯޅަ އައިސީޔުގައި އޮއްވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ ފުޓުބޯޅަ އޮތް ޙާލަތު ވަރަށް ބޮޑަށް ދަށް ކަމަށާއި، އެ ހާލަތުން އަރައި ގަތުމަށް ކުރި މަސައްކަތުން ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދިފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެއާ އެކު ވެސް ގިން ގޮން ޖެހުންތަކެއް ހުރި ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.
އެންމެ ބޮޑު ގޮން ޖެހުމެއްގެ ގޮތުގައި ވަޒީރު ފާހަގަ ކޮށްފައި ވަނީ ވިސްނުމަށް އައިސްފައިވާ ބަދަލެވެ. ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިންގުން ވަރަށް ބޮޑަށް ގޯސްވެފައި އޮތްކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، އެމަނިކުފާނުގެ އަމިއްލަ އިސްނެންގެވުމުގެ މަތިން ކުލަބުތަކާ ބައްދަލުކޮށް، ވާހަކަ ދައްކާފައިވާ ވާނެ ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވެފައި ވަނީ ކުލަބުތަކަށް ވެސް ދަތިތަކާއި، ގޮންޖެހުންތަކެއް އޮތް ކަމަށާއި، އެކަން ޤަބޫލު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް، އެ ހާލަތުން ކުލަބުތައް އަރައި ގަތުމަށްޓަކައި ކުޅިވަރު ވުޒާރާ އިން ވަރަށް ބޮޑު އެހީތެރިކަމެއް ދީފައިވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. އެގޮތުން ކުލަބުތަކަށް މާލީ ގޮތުން ބޮޑު އެހީތެރިކަމެއް ދީފައިވާކަން ވަޒީރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ވަޒީރު ވިދާޅުވީ މާލީ ގޮތުން ކުލަބުތަކަށް އެހީތެރިކަން ދޭން ޖެހުނު މައިގަނޑު ސަބަބަކީ، އެކަމުގެ ސަބަބުން ހުއްޓިފައި އޮތް ފުޓުބޯޅަ ސީޒަން ފެށޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް ލިބުމުން ކަމަށެވެ. ނަމަވެސް، މުބާރާތްތައް ރާވާ ހިންގަން ޖެހޭ ފަރާތަކީ ކުޅިވަރު ވުޒާރާ ނޫން ކަމަށާއި، މިވަގުތު އެކަން ކުރަން ޖެހޭ ފަރާތަކީ ނޯމަލައިޒިން ކޮމެޓީ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ފުޓުބޯޅަައިގެ ކުރިއެރުން ނުވަތަ ފުޓުބޯޅައިގެ މުސްތަޤުބަލު އޮތީ މެމްބަރު ކުލަބު އަތުގައި ކަމަށެވެ. އެހެންކަމުން ކަަންކަން ކުރިއަށް ގެންދެވޭނީ މެޖޯރިޓީ ކުލަބުތަކުގެ އެހީތެރިކަމާ އެކު ކަމަށް ވެސް ވިދާޅުވި އެވެ. އަދި ފުޓުބޯޅަ ކޮޅަށް ޖެހުމަށް ކުލަބުތަކުން ބޭނުންވާ ނަމަ، އެއީ ވަރަށް ފަސޭހަ ކަމެއް ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.
އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީން މަސައްކަތް ކުރީ މި އޭޕްރީލް މަހުގެ ތެރޭގައި ފުޓުބޯޅަ ސީޒަން ފެށުމަށެވެ. ނަމަވެސް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) ގެ އެންގުމާ އެކު މިހާރު ވަނީ ފުޓުބޯޅަ ސީޒަން ފެށުން ފަސްކޮށްފަ އެވެ.