ކ. މާލެ
|
22 އޭޕްރިލް 2025 | އަންގާރަ 13:46
އެޗްޑީސީ އޮފީސް ހުންނަ އިމާރާތް.
އެޗްޑީސީ އޮފީސް ހުންނަ އިމާރާތް.
މިހާރު
އެޗްޑީސީގެ ޚިޔާނާތް
އެ.ޗް.ޑީ.ސީގެ ނަމުގައި ބިމެއް ވިއްކާނެކަމަށްބުނެ އޮޅުވާލައިގެން މީހެއްގެ އަތުން ފައިސާ ނަގާފައިވާ މައްސަލަ ޕީޖީ އޮފީހަށް
މި މައްސަލާގައި ދަޢުވާކޮށްދިނުމަށްއެދި ހުށަހަޅާފައިވަނީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން
ފުތިޙަ ޝާކިރު ހޯދާފައިވާ 550,000.00 (ފަސް ލައްކަ ފަންސާސްހާސް) ރުފިޔާ އެ ދަޢުވާގެ ތެރެއިން ހޯދުމަށްވެސް އެދިފައިވާނެ ކަމަށް އޭސީސީން ބުނޭ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެ.ޗް.ޑީ.ސީ)ގެ ނަމުގައި ބިމެއް ވިއްކާނެކަމަށްބުނެ، އެ ކުންފުނީގެ ކުރީގެ މުވައްޒަފަކު، އޮޅުވާލައިގެން މީހެއްގެ އަތުން ފައިސާ ނަގާފައިވާ މައްސަލަ ޕީޖީ އޮފީހަށް ހުށަހަޅައިފިއެވެ.

އޭސީސީން ބުނެފައި ވަނީ އެޗްޑީސީގެ އެސްޓޭޓް އޮފިސަރެއްގެ މަޤާމުގައި ކުރިންހުރި މުވައްޒަފަކު، ހުޅުމާލެ ދެވަނަ ފިޔަވަހިން ބިމެއް ވިއްކާނެކަމަށްބުނެ، އޮޅުވާލައިގެން އަމިއްލަ ފަރާތަކުން 550,000.00 (ފަސް ލައްކަ ފަންސާސްހާސް) ރުފިޔާ ނަގާފައިވާ މައްސަލާގައި ދަޢުވާކޮށްދިނުމަށްއެދި 21 އެޕްރީލް 2025 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އޭސީސީން ބުނިގޮތުގައި މި މައްސަލާގައި ދަޢުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ، އެޗް.ޑީ.ސީގެ އެސްޓޭޓް އޮފިސަރގެ މަޤާމުގައި ކުރިންހުރި ކ.މާލެ، މ.ސީވިންޑް، ފުތިޙަ ޝާކިރު ގެ މައްޗަށެވެ.

އޭސީސީގެ ތަހުގީގުން 2022 ވަނަ އަހަރު އެޗް.ޑީ.ސީގެ ނަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން 2,600 (ދެހާސް ހަ ސަތޭކަ) އަކަފޫޓުގެ ބިމެއް ވިއްކާނެކަމަށް ބުނެ، ފުތިޙަ ޝާކިރު، އެޗް.ޑީ.ސީގެ ނަމުގައި ޞައްޙަނޫން ޕޭމަންޓް ސްލިޕްތަކެއް ތައްޔާރުކޮށް، ޖުމްލަ 550,000.00 (ފަސް ލައްކަ ފަންސާސްހާސް) ރުފިޔާ އަމިއްލަ މީހެއްގެ އަތުން ހޯދާފައިވާކަން ތަޙުޤީޤުން ހޯދިފައިވާ ކަަމަށް ވެސް އެ އިދާރާ އިން ވަނީ ހާމަކޮށްފައެވެ.

މި މައްސަލާގައި ދަޢުވާކޮށްދިނުމަށްއެދި ހުށަހަޅާފައިވަނީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދުމުގެ ކުށުގެ ދަޢުވާއެވެ. އަދި ބިން ވިއްކާނެކަމަށްބުނެ ފުތިޙަ ޝާކިރު ހޯދާފައިވާ 550,000.00 (ފަސް ލައްކަ ފަންސާސްހާސް) ރުފިޔާ އެ ދަޢުވާގެ ތެރެއިން ހޯދުމަށްވެސް އެދިފައިވާނެ ކަމަށް އޭސީސީން ބުނެއެވެ.

- ކޮމެންޓް