ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތަފާތު މައްސަލަތަކާއި ގުޅޭގޮތުން ރިސާޗް އެންޑް އިންފޯމޭޝަން ސިސްޓަމް ފޯ ޑިވެލޮޕިން ކަންޓްރީސްގެ ޗެއާޕާސަން އެމްބެސެޑާރ ހަރްދީޕް ޕޫރީއާ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުމަޝްވަރާކުރައްވައިފި އެވެ.
އިންޑިޔާގެ ރިސާޗް އެންޑް އިންފޯމޭޝަން ސިސްޓަމް ފޯ ޑިވެލޮޕިން ކަންޓްރީޒް އިން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ ”ސައުތު ސައުތު އެންޑް ޓްރޭންގިއުލާ ކޯޕަރޭޝަން“ ގެ ނިންމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މިއަދު އިންޑިއާގެ ވެރިކަން ކުރާ ދިއްލީގައި ވެސް ރައީސް ނަޝީދު ތަޤުރީރު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ނަޝީދުގެ ތަޤުރީރުގައި އިންޑިޔާ ކަނޑުގެ ހަމަޖެހުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވައި ވާހަކަ ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
ދުނިޔޭގެ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ގުޅުމާއި، އިޤްތިޞާދީ ކުރިއެރުމާ ގުޅޭ ގޮތުން ދިއްލީގައި އޮންނަ މި ކޮންފަރެންސްގައި ދުނިޔޭގެ 40 ޤައުމަކުން ބައިވެރިވެއެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ މަޝްހޫރު ޢިލްމުވެރިންނާއި، ތަރައްޤީއާ ގުޅޭ މަސައްކަތްތަކުގައި ޙަރަކާތްތެރިވާ ފަރާތްތައް ވެސް ބައިވެރިވެއެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް، ހާއްސަކޮށް، ޤައުމުތަކުގެ ސިޔާސީ، އިޤްތިޞާދީ އަދި ތިމާވެށީގެ މައްސަލަތަކާ ގުޅޭ ގޮތުން މި ކޮންފަރެންސްގައި މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވަނީ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ވެސް އިންޑިއާގެ ތިރިވަނަންތަޕޫރަމްގެ ޕާލިމެންޓް މެމްބަރު ޝަޝީ ތަރޫރްއާ ވެސް ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.