ރާއްޖޭގެ ސީނިއާ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް މީހަކު ހޯދުމަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާން ކޮށްފި އެވެ.
ޤައުމީ ފުޓުބޯޅަ ޓީމަށް އެންމެ ފަހުން އިރުޝާދު ދިނީ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން އެވެ. ނަމަވެސް، އެފްއޭއެމް އާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ޤައުމީ ޓީމުގެ ކޯޗުކަމުން އޭނާ ވަނީ ވަކިވެފަ އެވެ.
އެފްއޭއެމް އިން އިއުލާން ކޮށްފައިވާ ގޮތުގައި، ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމަށް މީހަކު ހޯދަނީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ.
ގެޒެޓުގައި އެފްއޭއެމް އިން ކޮށްފައިވާ އިއުލާން ގައި ބުނެފައިވާ ގޮތުން، ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ޝަރުތުތަކެއް ފުރިހަމަ ވާން ޖެހެ އެެވެ.
އެގޮތުން، އޭއެފްސީ ނުވަތަ ޔުއެފާ ޕްރޯ ލައިސަންސް ހޯދާފައިވާ ފަރާތަކަށް ވާން ޖެހޭނެ އެވެ. ނުވަތަ އެ ފެންވަރުގެ އެހެން ކޯޗިން ސެޓްފިކެޓެއް އޮންނަ ފަރާތަަކަށް ވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން ހަ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެެވެ.
ޤައުމީ ޓީމަށް ކޯޗެއް ހޯދުމުގެ އިތުރުން، އެފްއޭއެމް އިން ވަނީ ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް މީހަކު ހޯދުމަށް ވެސް އިއުލާން ކޮށްފަ އެވެ. އޭގެ އިތުރުން، ޤައުމީ ޓީމުގެ ޑޮކްޓަރާއި، ގޯލި ކީޕަރު ޓެރެއިނަރުގެ މަގާމަށް މީހުން ހޯދުމަށް ވެސް އިއުލާން ކޮށްފައިވެ އެވެ.
އެފްއޭއެމް އިން އިއުލާން ކޮށްފައިވާ ގޮތުގައި މި މަޤާމުތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ސުން ގަޑި އަކީ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އެވެ.