ކުނީގެ ގޮތުގައި ތިލަފުށްޓަށް ގުރުއާން ތަރުޖަމާތައް އުކާލި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި ކަމަށް ވެމްކޯއިން ބުނެފިއެވެ.
ތިލަފުށްޓަށް ގިނަ އަދަދެއްގެ ގުރުއާން ތަރުޖަމާތަކެއް އުކާލެވިފައި ހުރި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ވެމްކޯއިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ރިސޯޓުތަކުންނާއި އެހެނިހެން ރަށްތަކުން ކުނި އުކުމަށް ތިލަފުށްޓާއި ގާތްކުރާ ޖެޓީއަށް ފޮށިގަނޑުތަކެއްގައި ގުރުއާން ތަރުޖަމާތަކެއް ބުދަ ދުވަހުގެ އިރު އޮއްސުނު ވަގުތު އުކާލާފައިވާ ކަމަށެވެ.
ވެމްކޯގެ މުވައްޒަފުންގެ ސަމާލުކަމަށް އެކަން ގެނެވުނު ހިސާބުން، ވެމްކޯއިން ގުރުއާން ތަރުޖަމާތައް ނަގައި އެހެން ކުންޏާއި ވަކިކޮށްފައި ވާނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ. އަދި މި އަމަލު ހިންގި ދޯނި މިހާރު ހޯދިފައިވާ ކަމަށާއި އެ މައްސަލަ ފުލުހަށް ހުށަހަޅައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ދޯނި ފުލުންނާއި ހަވާލު ކުރެވިފައިވާ ކަމަށް ވެމްކޯގެ ބަޔާނުގައި ވެއެވެ.
ހާއްސަކޮށް ނައްތާލަން ޖެހޭ ތަކެތި ތިލަފުށީގައި ނައްތާލެވޭނީ، އެފަދަ ތަކެތި ނައްތާލަން ބޭނުންވާ ފަރާތްތަކުން ވެމްކޯއަށް ލިޔުމަކުން އަންގައި ހާއްސަ ހުއްދައެއް ނަގައިގެން ކަމަށް ވެމްކޯގެ ބަޔާނުގައި ވެއެވެ.