ގާސިމް އިބްރާހިމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށް ސާބިތުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ މަގާމުން ބޭރުކުރަން ވޯޓުދޭ މެމްބަރުނަށް އެ މެމްބަރުން ނިސްބަތްވެވަޑައިގަންނަވާ ދާއިރާގެ ޓިކެޓް ދޭނެ ކަމަށާއި އަދި އެހެނިހެން ގޮތް ގޮތުން އެހީތެރިވެދޭނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައަކީ ގާނޫނީ އިމުގެ ތެރެއިން ދެއްކެވި ވާހަކައެއްކަން އޭނާއަށް ސާބިތުކޮށް ނުދެވުމުން ކަމަށް ހުކުމުގައި ބުނެފި އެވެ.
ރިޝްވަތު ދޭން ހުށަހެޅުމުގެ ކުށުގައި ގާސިމްގެ މައްޗަށް 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމް އިއްވީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ގާސިމްގެ ޣައިރު ހާޒިރުގަ އެވެ.
ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ކޮށްފައިވަނީ ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ (ށ) އަށް ހަވާލާދީ އެ މާއްދާގެ (ރ)ގެ ދަށުންނެވެ. ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ދައުލަތުގެ މުވައްޒަފަކު ރަސްމީ ހައިސިއްޔަތަކުން އަދާކުރަން ޖެހޭ ވާޖިބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނުވަތަ ރަސްމީ ހަސިއްޔަތުން ކުރަން ޖެހޭ ކަމެއް ނުކޮށް ދޫކޮށްލުމުގެ ގޮތުން ގާނޫނު ހުއްދަ ނުކުރާ މަންފާއެއް ހުށަހެޅުމަކީ ރިޝްވަތު ދިނުމުގެ ކުށުން ކުށްވެރިވާ ކަމެކެވެ.
ގާސިމްގެ މައްޗަށް އިއްވި ހުކުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޒިންމާ ވަކި ގޮތަކަށް އަދާކޮށްފި ނަމަ އެ މެމްބަރުންނަށް ދާއިރާގެ ޓިކެޓްދޭނެ ކަމަށް ހުށަހެޅުމަކީ އެ މެމްބަރުންނަށް ހުށަހެޅޭ މަންފާއެއް ކަމާއި އެ މަންފާ ހުށަހެޅޭނީ ވޯޓުލާ ގޮތަކަށް ރިއާޔަތްކޮށް ކަމަށްވާތީ އެ މަންފާއަކީ ހުއްދަވެގެން ނުވާނެކަން މަންފާއެއް ކަމަށެވެ. އަދި ގާސިމްގެ މައްޗަށް ދައުވާކޮށްފައިވާ ކުށަކީ ކަމެއް ހުށަހެޅުމުގެ ތަބީއަތް ލިބިފައިވާ ކުށަކަށްވާއިރު އެ ކުށަކީ ބުނާ ބަހަކުން އެކަނި ފުރިހަމަވާ ކުށެއްކަން އެނގެން އޮންނަ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
އަދި މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ވޯޓު ނެގުމަށް ހަމަ ޖެހިފައި އޮތް ދުވަސް ކަމަށްވާ 27 މާޗް 2017 ވަނަ ދުވަހުގެ ކުރީ ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ގާސިމް ދެއްކެވި ވާހަކަތަކަކީ ވަކި ބަޔަކަށް ހާއްސަކޮށްގެން ދައްކާފައިވާ ވާހަކަތަކެއްކަން ކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި އެހެންމެ އާންމު ފަރާތްތަކަށް ސިޔާސީ ފަރާތްތަކުން ވަމުންދާ ވައުދުތަކާއި ގާސިމް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހާއްސަކޮށް ދީފައިވާ ދައުވަތުގެ އިބާރާތާ ތަފާތުވެގެންދާއިރު ގާސިމް ދައްކާފައިވާ ވާހަކަތަކަކީ ގާނޫނީ އިމުގެ ތެރެއިން ދައްކާފައިވާ ވާހަކައެއްކަން ނުވަތަ އެނޫންވެސް ދިފާއުއެއް ދެއްކިފައިނުވާ ކަމަށް ބުނެފައިވެ އެވެ.