ހަތަރު ގަޑިއިރު ފުލުސް އޮފީހުގައި ބޭންދުމަށްފަހު، ފޯނު ލިބުނު ކަމަށާ ގެ ބަލާ ފާސްކޮށްގެން އެއްވެސް އެއްޗެއް ނުފެނުނު ކަމުގެ ލިޔުން ލިބުނު ކަމަށް ރިޔާޒް ވިދާޅުވެއްޖެ އެވެ.
ރިޔާޒް ވިދާޅުވީ، މިއަދު ފެންނަމުންދާ ކަންކަމުން ދޭހަވަނީ ރައީސް ޔާމީނަށް އެއްވެސް ވަރަކަށް ފުލުހުންނާއި އެމްއެންޑީއެފްގެ މުއައްސަސާގެ އިންޓެލިޖެންސްއަށް ބަރޯސާ ނުވެވޭ ކަން ކަމަށެވެ. ރިޔާޒްގެ ދެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮތްކަން ފާހަގަކުރައްވާ، ރިޔާޒް ވިދަޅުވީ، ރައީސް ޔާމީން އޭނާގެ ފޯނު އިރުއިރުކޮޅުން ގެންދަވަނީ، އެންމެ ގިނަ މައުލޫމާތު ހުރީ އޭނާގެ ފޯނުގައި ކަމަށް ގަބޫލުކުރާތީ ކަމަށެވެ. އަދި އެގޮތަށް ފޯނު ގެންގޮސްގެން ހިތްހަމަޖެހޭ ކަމުގައިވާނަމަ ރަގަޅު ކަމަށްވެސް ރިޔާޒް ވިދާޅުވި އެެވެ.
" އަޅުގަނޑު މިހިރީ ހަމައެއްވެސް މައްސަލައެއް ނެތް. އަޅުގަނޑުމެން މިތިބީ ﷲ ގަންދީ ހުވާކޮށްގެން. އަޅުގަނޑުމެން މަސައްކަތް ކުރާނީ ރައްޔިތުންނަށް ފާއިދާތަކެއް ގެނެސްދިނުމަށް. އެވިސްނުމުގައި އަޅުގަނޑުމެން މަސައްކަތް ކުރާނީ. ސިޔާސީ ގޮތުން މިޖަހާ ބެރުތަކަކަށް ބިރުތަކަކަށް އެެއްވެސް ފަސް ޖެހުމެއް ނެތް." ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވަނީ ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރި ހުކުމް ކުށްވެރިކޮށް، ގާސިމަށް ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ތާއީދު ފާހަގަކުރައްވާފަ އެވެ.
ރިޔާޒް ފުލުސް އޮފީހަށް ގެންގޮސް ދޫކޮށްލާފައިވާ އިރުު ބުރާސްފަތި ދުވަހުގެ ރޭ ގާތްގަނޑަކަށް 09:30 ހާއިރު އަބްދުﷲ ރިޔާޒް އުޅުއްވާ މ.ނެކްޓަރ ވަނީ ފުލުހުން ބަލާ ފާސްކޮށްފަ އެވެ.
ކޯޓުން ނެރުނު އަމުރުގައި މައްސަލައިގެ ބާވަތް ގޮތުގައި ފާހަގަ ކޮށްފައިވަނީ ހަގީގަތާ ހިލާފް ދޮގު ވާހަކަތައް ދެއްކުމާ، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމާ، ފުލުހުންގެ މަސައްކަތަށް ނުފޫޒުފޯރުވުމެވެ. މީގެ އިތުރުން ފުލުހުންގެ މުއައްސަސާ ބަދުނާމް ކުރުން ވެސް މައްސަލައިގެ ބާވަތުގެ ގޮތުގައި ބުނެފައިވެއެވެ.
މި އަމުރުގައި ރިޔާޒް ދިރިއުޅުއްވާގެ އާއި ރިޔާޒްގެ ލެޕްޓޮޕާއި މޯބައިލް ފޯނުތައް ވެސް ބަލައިފާސް ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
އަބުދުﷲ ރިޔާޒް ދިރިއުޅުއްވާގެ ބަލައިފާސް ކުރުމުގެ އަމުރު ނެރުއްވައިފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް އެވެ.