ހުކުމް ކުރަންޖެހޭނީ ގާނޫނުގައި އޮންނަ ގޮތަށް ކަމަށާއި އެހެން ގޮތަކަށް ހުކުމް ކޮށްފި ނަމަ، އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަންޖެހޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުސުއޫދު ވިދާޅުވެއްޖެ އެވެ.
ސުއޫދު ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުރި ހުކުމަކީ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނާއި އަދި މި އުޑު ދަށުގައި ހުރިއްޔާ ހުރި އެއްޗަކާ ހިލާފަށް ކުރި ހުކުމެއް ކަމަށެވެ. މިފަދަ ހުކުމެއް ކޮށްގެން އަދުލް އިންސާފު ނަގާލުމަށްފަހު މިހެން ތިބުމަކީ ރައްޔިތުންނަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
" އަޅުގަނޑަށް ދޭހަވި ކަމަކީ ގާސިމް އިބްރާހިމް ބޭރަށް އަރުވާލުން ނުވަތަ ފޮނުވާލުން ކަމަށް މާނަކުރެވެނީ. އެއީ ދިވެހިރާއްޖޭގައި އަދި މިހާތަނަށް ޝަރުއީ ކޯޓުތަކުން ކުރާ ބާވަތުގެ ހުކުމެއް ނޫން. ހުކުމް ކޮށްފީވޭ އެކަމުގެ ރާއްޖޭން ބޭރަށް ދާށޭ. އެވައްތަރު ހުކުމް އެންމެ ފަހުން ދެކުނީ ރޯމަން ޒަމާނުގައި ރޯމުގައި ކުރި ހުކުމްތަކެއް. ކަލޭ ކުށްކުރީއޭ، މިގައުމަކަށް އަރައިގެން ނުވާނެ އޭ." ސުއޫދު ވިދާޅުވިއެވެ.
ސުއޫދު މިހެން ވިދާޅުވެފައިވާ އިރު، ބައެއް އެހެން ގާނޫނީ ވަކީލުންވެސް ވަނީ ގާސިމްގެ ހުކުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ޖިނާއީ މައްސަލައެއްގައި ނުވަ އަހަރުފަހުން ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި ހުކުމް ކުރެވިގެންދިއުމަކީ ކަންބޮޑުާވާ މައްސަލައެއް ކަމަށް ގާނޫނީ ވަކީލުން ބުނެ އެވެ.