ގާސިމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނިކޮށް ކުރި ހުކުމް އާދިއްތަ ދުވަހު އިސްތިއުނާފު ކުރާނެ ކަމަށް ގާސިމްގެ ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ގާނޫނީ ވަކީލުން ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން، ހިސާން ވިދާޅުވީ، ގާސިމަށް ހުކުމް ކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭގަނޑު 10:30 ހާއިރު ގާސިމަށް 11:00 ގައި އޮތް ޝަރީއަތަށް އައުމަށް އަމުރު ފޮނުވުމަށް ފަހު ކަމަށެވެ.
ހިސާނު ވިދާޅުވީ، ގާސިމްގެ ޣައިރު ހާޒިރުގައި މިފަދަ ހުކުމެއް ކުރުން ވެގެންދާނީ ގާނޫނު އަސާސީ ވުޖޫދަށް އައުމަށް ފަހު 2008 ވަނަ އަހަރުގެ ފަހުން ކުރެވުނު މިފަދަ ފުރަތަމަ ހުކުމް ކަމަށެވެ. ހިސާނު ވިދާޅުވީ ކޯޓުގައި ތަކުރާރުކޮށް ގާސިމްގެ ބަލިހާލުގެ ވާހަކަދައްކާ، އެމަނިކުފާނު ބޭރަށް ފަރުވާއަށް ދިއުމުގެ ހުއްދައަކަށް އެދުނު ކަމަށެެވެ.
" މި ހުކުމަކީ، ވަކީލެއްގެ ހައިސިއްޔަތުން ވެސް، ދިވެހި ރައްޔިތެއްގެ ހަައިސިއްޔަތުން ވެސް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް. ފާހަގަކޮށްލަން ބޭނުން، ހަމަ ޝަރީއަތުގެ ވަކި ހިސާބަކުން އިންސާފެއް ލިބޭނެ ކަމުގެ އުންމީދެއް ކުރެވުނު، ނަމަވެސް މިރޭ މިކަންތައް ވެގެން ދިޔަގޮތުން، އަޅުގަނޑުމެންނަށް އެ ކުރެވުނު އުންމިދުވެސް ވަނީ ގެއްލިފައި." ހިސާން ވިދާޅުވި އެވެ.
ޖިނާއީ އަދުލުގެ ނިޒާމު މިފަދަ ގޮތަަކަށް ގަޑުބަޑު ވެގެންދާތީ މިއީ ވަަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ހިސާނު ވިދާޅުވި އެވެ.
ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު ހުސައިން ޝަމީމު ވިދާޅުވީ، މި މައްސަލަ ފެށުނީއްސުރެ ވެސް ފަނޑިޔާރުންނަށް ގޮވާލަމުން ދިޔައީ އެހެން މައްސަލަތެކެކޭ ވެސް އެއްފަދައިން ކަންކަން ކުރުމަށް ކަމަށާއި އަދި އެހެން މައްސަލަތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ފަނޑިޔާރުން ވެސް ވިދާޅުވެފައިވާ ކަމަށެވެ.
" އެެހެން ނަމަވެސް އެގޮތަކަށް ނޫން މި ޝަރީއަތް މިކުރިއަށް ގެންދިޔައީ. އޭގެ ދަލީލަކީ އިއްޔެ ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ނިންމާލަމުން ފަނޑިޔާރު ވިދާޅުވެފައި އެބަ އޮތް ދެން މި މައްސަލައިގައި އަޑުއެހުމެއް ބާއްވާނީ އަންނަ ހަފްތާގައޭ. ކަނޑައެޅިގެން އެހެން ވިދާޅުވެފައި، ކުއްލިއަކަށް ބުރާސްފަތި ދުވަހު ހެނދުނު 10:30 އަށް މައްސަލަ ތާވަލް ކުރީ. އެހެންކަމުން މި މައްސަލަ ކުރިއަށް ދިޔައީ އާންމުކޮށް މައްސަލަ ބަލާ އުސޫލަކުންނޫން." ޝަމީމު ވިދާޅުވި އެވެ.