ދައުލަތުގެ އާމްދަނީއަށް ވުރެ އިތުރަށް ރިކަރަންޓު ޚަރަދު ކުރަން ޖެހޭ ކަމަށާއި އެހެންވީމަ ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށް ކޮންމެވެސް ގޮތަކުން ލޯނެއް ނުނަގައި ފަރުޖެއްސޭން ނެތް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ގދ. ފިޔޯރީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ފެށުމަށް އެ ރަށުގައި ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މުއްތަލިބު ވިދާޅުވީ ހުރިހާ ރަށެއްގައި އެތައް ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގުމަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
އެގޮތުން ދައުލަތުގެ އާމްދަނީއަށްވުރެ އިތުރަށް ރިކަރަންޓު ހަރަދުކުރަންޖެހެއޭ ކަމަށާއި އެހެންވީމަ ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ރާއްޖެ އެތެރެއިން ބޮންޑު ވިއްކައިގެން ނަމަވެސް ރާއްޖެއިން ބޭރުން ނަމަވެސް މިކަންކަން ކުރުމަށްޓަކައި ލޯނެއް ހޯދަން އެބެޖެހޭ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ ޗައިނާ އާއި އެމެރިކާ ފަދަ ގައުމުތަކުގެ މެދުގައި ހިނގާ ހިޔާލު ތަފާތުވުންތަކުގެ އަސަރު ރާއްޖެއަށް ކުރާ ކަމަށާއި އެފަދަ ކޮންމެ ބަދަލަކާއެކު ރާއްޖެއަށް ލޯނު ލިބުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެހެން ކަމުން މިކަން ރައްޔިތުން ގަބޫލުކުރުމަކީ ވަރަށް ބޮޑަށް އެދޭކަމެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މުއްތަލިބް ވިދާޅުވީ މިފަދަ އުނދަގޫތަކާއެކު ސަރުކާރުން މަޝްރޫއުތައް ހިންގަނީ ދުރާލާ ރާވައިގެން ވިސްނުންތެރިކަމާއެކު ގިނަ ބަޔަކާއެކު މަސައްކަތްކަތެއް ކޮންގެން ކަމަށާއި ގިނަ ފަހަރު މިގޮތަށް ކުރާ މައްސައްކަތް ރައްޔިތުންނަށް ނުފެންނަ ކަމަށެވެ.
އަދި ސަރުކާރުން ކުރާ މިފަދަ މަސައްކަތްތަކުގައި ވީހާވެސް ބޮޑަކަށް އެއްބާރުލުންދިނުމަށް އެދޭ ކަމަށާއި ސަރުކާރަށް ދިމާވާ ގޮންޖެހުންތައް ގަބޫލުކޮށް ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކުރަމުންދާ މަސައްކަތުގައި ރައްޔިތުން ބައިވެރިވެގެން ކުރިއަށްދިޔުން މަކީ ސަރުކާރުން އެންމެ ބޮޑަށް ބޭނުވާ ގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުއްތަލިބު މިފަދައިން ވާހަކަ ދެއްކެވިއިރު، ނިމިދިއަ ރިޔާސީ ކެމްޕެއިނުގެ ތެރޭގައި ވެރިކަމަށް އައުމަށް އެންމެ ބޮޑަށް ޕޯޑިއަމްތަކުގައި ފާޑުވިދާޅުވެ، ދެއެކެވި ވާހަތަކަކީ ނިނިދިއަ ސަރުކާރުން ލޯނު ނަގައިގެން މަޝްރޫއުތައް ހިންގުމެވެ. އަދި އެކަމުގެ ސަބަބުން އަހަރަކަށްވުރެ އަހަރެއް ދައުލަތުގެ ދަރަނި އިތުރުވަމުން ދިޔުމެވެ. މި ސަރުކާރު ވެރިކަމަށް އައުމަށް ފަހުގައިވެސް އެކި ފަހަރު މަތިން އެ ވާހަކަތައް ދައްކަވާފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރާ މާލީ ހިސާބުތައް ދައްކާގޮތުން ވެސް މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީއަށް ވުރެ، ރިކަރަންޓު ޚަރަދު ބޮޑެވެ. އެގޮތުން މިދިއަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 34.7 ބިލިން ރުފިޔާ ލިބުނުއިރު، ރިކަރަންޓު ހަރަދަށް 37 ބިލިއަން ރުފިޔާ ހަރަދުވި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާފައި ވެއެވެ.
ކަންމިހެން ހުރިއިރު، މި ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދަނީ މެދުކެނޑުމެއްނެތި ގޮވާލަމުންނެވެ. އަދި ހަމަ އެގޮތަށް އިދިކޮޅު ފަރާތްތަކުން ވެސް ދަނީ މި ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލަމުންނެވެ. އެހެން ނަމަވެސް މި ސަރުކާރުން އެކަމަށް އެއްވެސް އިޖާބައެއް ދީފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
މި ސަރުކާރުގެ ބައެއް ދާއިރާތަކުން ހަރަދުތައް އިތުރުވެފައިވާއިރު, ސަރުކާރުން އަޅަން ނިންމާފައިވާ މާލީ އިސްލާހީ ފިޔަވަޅުތައް ވަރަށް އަވަސްކުރަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވަނީ ގޮވާލާފަ އެވެ.