ޤައުމީ ސަލާމަތަށް ނުރައްކާވެ، ސުލްހަ މަސަލަސްކަން ގެއްލި ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ކޮންޓެންޓް ނުފޮނުވުމަށް ޓީވީ ޗެނަލްތަކަށް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސް ކޮށްފި އެވެ.
ބްރޯޑްކޮމް އިން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ސިއްހީ ހާލުކޮޅާ ގުޅޭގޮތުން ބައެއް ސްޓޭޝަންތަކުން ބްރޯޑްކާސްޓް ކުރި ބައެއް ކޮންޓެންޓްގައި ގާސިމް އިބްރާހީމް އަވަހާރަ ކޮށްލަން ދައުލަތުގެ ފަރާތުން މަސައްކަތްކުރާ ކަމަށް ބުނެ ކޮންޓެންޓް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށެވެ.
އެގޮތުން އެފަދަ ކޮންޓެންޓްގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެ، ސުލްހަ މަސަލަސްކަން ގެއްލި ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ކަމަށް ބުނެ އެ ކޮމިޝަނަށް ޝަކުވާ ލިބެމުންދާ ކަމަށެވެ.
މީގެއިތުރުން ކޮންޓެންޓް ގެނެސްދިނުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށާއި، އަބުރު ރައްކާތެރި ކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގަނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ބްރޯޑްކާސްޓް ކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އެ ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ..
އަދި ވަގުތުން ގެނެސްދޭ އިވެންޓްތައް ލައިވްކުރުމުގައި، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ހަމަތަކާއި ތަޢާރުޒުވާ ކޮންޓެންޓް ހިމެނިއްޖެނަމަ، އެ އިވެންޓެއްގެ ބްރޯޑްކާސްޓިންގ ވަގުތުން މެދުކަނޑާލުމަށް އެންގުމުގެ އިޚްތިޔާރު އެ ކޮމިޝަނަށް ލިބިގެންވާ ކަމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ހަނދާން ކޮށްދީފައެވެ.