ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީޕާޓީގެ ޑެޕިއުޓީ ލީޑަރު އަބުދުﷲ ރިޔާޒް ދިރިއުޅުއްވާ ގެ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައިފާސް ކުރަންފަށައިފިއެވެ. އަބުދުﷲ ރިޔާޒް ދިރިއުޅުއްވާގެ ބަލައިފާސް ކުރަން ފަށައިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 9.30 ގެ ފަހުންނެވެ.
ކޯޓުން ނެރުނު އަމުރުގައި މައްސަލައިގެ ބާވަތް ގޮތުގައި ފާހަގަ ކޮށްފައިވަނީ ހަގީގަތާ ހިލާފް ދޮގު ވާހަކަތައް ދެއްކުމާ، ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމާ، ފުލުހުންގެ މަސައްކަތަށް ނުފޫޒުފޯރުވުމެވެ. މީގެ އިތުރުން ފުލުހުންގެ މުއައްސަސާ ބަދުނާމް ކުރުން ވެސް މައްސަލައިގެ ބާތުގެ ގޮތުގައި ބުނެފައިވެއެވެ.
ބަލައިފާސްކުރާ ސަބަބުގެ ގޮތުގައި ބުނެފައިވަނީ ހަވާލާ ދެވިފައިވާ މައްސަލައާއި ގުޅިގެން ހެއްކާއި ގަރީނާ ހޯދުން ކަމަށެވެ. ކޯޓު އަމުރު ނެރުނު ގަޑި ކަމަށް ބުނެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 19.00 އެވެ. އެ އަމުރުގައި ބުނެފައިވަނީ އަމުރު ނެރުނު ވަގުތުން ފެށިގެން 5 ގަޑިއިރު ބަލައި ފާސްކުރުމަށް ދެވިފައިވާ ކަމަށެވެ. މި އަމުރުގައި ރިޔާޒް ދިރިއުޅުއްވާގެ އާއި ރިޔާޒްގެ ލެޕްޓޮޕާއި މޯބައިލް ފޯނުތައް ވެސް ބަލައިފާސް ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
އަބުދުﷲ ރިޔާޒް ދިރިއުޅުއްވާގެ ބަލައިފާސް ކުރުމުގެ އަމުރު ނެރުއްވައިފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް އެވެ.