ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ހުޅުމާލެއިން 5.9 މިލިއަން ރުފިޔާއަށް ރޯހައުސްއެއް ބައްލައްވައިގެންފިއެވެ.
ޑރ.މުއިއްޒު ހުޅުމާލެއިން ރޯ ހައުސްއެއް ބައްލަވައިގެންފައި ވަނީ 5،919،500 ރުފިޔާއަށެވެ.
ފައިސާ ދައްކާ ހަލާސްކޮށް ވިޔަފާރި އަގުދު ކޮށްފައިވާތީ މުއިއްޒު ބައްލަވައިގެންނެވި ފްލެޓު މިހާރުވަނީ މިލުކުވެރިކަން މުއިއްޒުގެ ނަން މައްޗަށް ބަދަލުކޮށް މިލްކު ކޮށްދީފައެވެ. އެގޮތަށް ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުން ބުދަ ދުވަހު ވަނީ ހުކުމް އިއްވާފައެވެ.
އެ ހުކުމުގައި އެއީ މުއިއްޒު ރޯ ހައުސްއެއް ބައްލަވައިގެންނެވި ފުރަތަމަ ފަހަރު ކަމަށްވާތީ ބިމާ ބެހޭ ގާނޫނުގެ ދަށުން ޓެކްސް ދައްކަން ނުޖެހޭނެ ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
މުއިއްޒު ބައްލަވައިގަތީ 3،388 އަކަފޫޓްގެ ރޯ ހައުސްއެކެވެ.
މުއިއްޒުގެ އިތުރުން ވެސް ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސިޔާސީ ދާއިރާގައި ވަރަށް އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން، އެންމެ ފަހުން ވިއްކި ރޯ ހައުސްތައް ބައްލަވައިގެންފައިވެ އެވެ.
މިނިސްޓަ މުއިއްޒު ރާއްޖެ އެމްވީއަށް ވިދާޅުވި ގޮތުގައި ރޯހައުސް ބައްލަވައި ގަތީ ހުޅުމާލޭގައި ރެއިންބޯއިން ތަރައްގީކުރާ ރޯހައުސްތަކުންނެވެ. އެތަން ބައްލަވައިގަތީ އަމިއްލަފުޅަށް އެއްފަހަރާ ފައިސާ ދައްކަވާފައި ނޫން ކަމަށާއި ފައިސާ ދެއްކެވީ އެޗްޑީއެފްސީގައި މޯގޭޖްކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެ ރޯހައުސްގެ ޑައުން ޕޭމަންޓް ދެއްކީ، މުއިއްޒުގެ ބައްޕާފުޅުގެ ތަރިކައިން ލިބިފައިވާ ފައިވާ ފައިސާއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.