"އެބައި މީހުންނަކީ" އަނިޔާވެރި ޖާހިލުންތަކެއް ކަމަށް ވިދާޅުވެ، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.
ބުރާސްފަތި ދުވަހުގެ މެންދުރު ގާޒީ ބާރީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވަރުގަދަ އިންޒާރެއް ދެއްވާފަ އެވެ. ނަމަވެސް އެއީ ކޮން ބަޔަކަށް ނުވަތަ ކާކަށް ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.
ގާޒީ ބާރީ ވިދާޅުވީ "ހަމަ ކަށަވަރުން "އެބައި މީހުންނަކީ" އަނިޔާވެރި ޖާހިލު ބައެއް" ކަމަށެވެ. އަދި "އެއީ ކޮން ބައެއް ކަމާއި، އެބައިމީހުންގެ އަނިޔާވެރިކަމާއި ޖާހިލުކަމުގެ ތަފްސީލު އަންނަނީ...." ކަމަށް ގާޒީ ބާރީ ވިދާޅުވެފައިވެއެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމުގައި ހުންނަވަނިކޮށް، ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ވަނީ ޖުލައި މަހުގެ 11 ވަނަ ދުވަހު ގާޒީ ބާރީ ޖުވެނައިލް ކޯޓަަށް ބަދަލުކޮށްފަ އެވެ. ގާޒީ ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތަށް ދައުލަތުގެ ވަކީލުން ހާޒިރުނުވުމުން ދައުވާ ބާތިލްކޮށް ފޮނުވާލިތާ ގިނަ އިރުތަކެއް ނުަވަނީހެވެ.
ގާސިމްގެ މައްޗަށް އަލުން ދައުވާކޮށް ޝަރީއަތް ހިންގަމުންދާއިރު، ބުރާސްފަތި ދުވަހުގެ މެންދުރު ބޭއްވި އަޑުއެހުމަށް ވަޑައިގެން އުޅުއްވަނިކޮށް ކޯޓް ތެރެއަށް ގާސިމް ވެއްޓުނެވެ. ގާސިމަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.