ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ސައިންސް ފެއާ ބާއްވައި ފެއާއިން ވަނަ ހޯދި ޕްރޮޖެކްޓްތަކަށް މެޑަލް ދީފިއެވެ.
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑް 1 އިން ފެށިގެން ގްރޭޑް 9 އެއްގައި ކިޔަވާ ދަރިވަރުން ވެސް ބައިވެރިކޮށްގެން ކުރިއަށް ދިޔަ މި ފެއާގައި ވަނަ ވަނަ ހޯދި ޕްރޮޖެކްޓްތަކާއި ކްލާސްތައް ހޯވާފައި ވަނީ އެ ސްކޫލްގައި ބުރާސްފަތި ދުވަހުގެ ހަވީރު ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.
ކޮންމެ ކްލާހަކުން ތިން ޕްރޮޖެކްޓް ބައިވެރިކޮށްގެން ކުރިއަށްގެންދިޔަ މި ސައިންސްފެއާގައި ޖުމްލަ 84 ސައިންސް ޕްރޮޖެކްޓް ދަރިވަރުން ވަނީ ހަދާފައެވެ.
އަދި އެ ޕްރޮޖެކްޓްތައް ބެލެނިވެރިންނާއި ދަރިވަރުންނަށް ދައްކާލުމަށްޓަކައި، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ހޯލްގައި ބުރާސްފަތި ދުވަހުންފެށިގެން ހުކުރު ދުވަހުގެ އިރުއޮއްސި 6.00 ހަމައަށް ބަހައްޓާނޭ ކަަމަށް އެ ސްކޫލުން ބުންޏެވެ.
މި ޑިސްޕްލޭތަކަށް ބަލާލާއިރު، ދަރިވަރުން ސައިންސާއި ޓެކްނޮލޮޖީއަށް ހޭލުންތެރިވެފައިވާ މިންވަރު ވަރަށް ބޮޑަށް ހާމަވެގެންދެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެ ސްކޫލްގެ ސައިންސް ޓީޗަރު މަރިޔަމް ތާއިފާ ވިދާޅުވީ، މީ ސައިންސް މާއްދާގެ ދަށުން ކުދީން ކިޔަވަމުންދާ އެކި އެކި ބައިތަކާއި ގުޅޭގޮތުން ކުދީންގެ ހުނަރު ދައްކާލުމަށް ހުޅުވާލެވުނު ފުރުސަތެއް ކަމަށެވެ. އަދި މި ފެއާގެ މަގްސަދަކީ ދަރިވަރުން ސައިންސާއި ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވުން ކަމަށެވެ.
ސްކޫލްގެ ފިޒިކްސް ޓީޗަރު ފާތިމަތު ޝާލިޔާ ވިދާޅުވީ މި ފެއާގެ ސަބަބުން ސައިންސްގެ އެންމެ ފަހުގެ ހޯދުންތަކަށް ދަރިވަރުންގެ ލޯތައް އިތުރަށް ހުޅުވިގެންދާނެ ކަމަށެވެ.
މި ފެއާ އިންތިޒާމް ކުރުމުގައި ދަރިވަރުންނާއި ބެލެނިވެރިން ދެއްވި އެއްބާރުލުން ފާހަގަކޮށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ފާރާތުން ދަރިވަރުންނާއި ބެލެނިވެރިންނަށް ވަނީ ޝުކުރު އަދާކޮށްފައެވެ. އެ ސްކޫލުން ބުނީ ކުރިއަށް އޮތްތަނުގައި ވެސް ދަރިވަރުންގެ ކިޔެވުމާއި ގުޅުން ހުރި މިފަދަ މުހިއްމު ފެއާތައް ބާއްވާނޭ ކަމަށެވެ.