ކ. މާލެ
|
24 އޯގަސްޓް 2017 | ބުރާސްފަތި 18:16
ފާރިސް ކަރެކްޝަނުގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރު ކުރަނީ:--
ފާރިސް ކަރެކްޝަނުގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރު ކުރަނީ:--
އަޒުމޫން އަހުމަދު
ފާރިސް މައުމޫނު
ފާރިސް ބަންދުން ދޫކޮށްލުމުގެ އަމުރެއް ޕީޖީ ނެރެދިނުމަށް އެދިއްޖެ
ފާރިސްގެ ބަންދުގައި ބަހައްޓާފައިވަނީ ޖިނާއީ ކުޑަ ކުށެއްގެ ތުހްމަތުގައި
ފާރިސްގެ ބަންދާމެދު ހައި ކޯޓުންވެސް ގޮތެއް ނުނިމިވާތީ ކަންބޮޑުވުން ފާޅުކޮށްފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ދޫކޮށްލުމުގެ އަމުރެއް ނެރެދެއްވުމަށް ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް އަރިހުން އޭނާ ދިފާއީ ވަކީލުން އެދިއްޖެ އެވެ.

 

ފާރިސްގެ ދިފާއީ ވަކީލް މައުމޫނު ހަމީދު ޕީޖީއަށް ފޮނުއްވި ސިޓީގައި ފާރިސް ހުންނެވީ ގާނޫނީ ބަންދެއްގައި ކަމަށް ބެލެވެން ނެތީތީ ފާރިސް ބަންދުން ވަގުތުން މިނިވަން ކުރުމުގެ އަމުރެއް ލަސް ނުކުރައްވާ ނެރެއްދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.

 

މިދިޔަ ޖުލައި މަހުގެ 19 ގައި ކްރިމިނަލް ކޯޓުގައި ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި ޕީޖީ އެދިފައި ވަނީ ފާރިސްގެ މައްޗަށް ކުރެވޭ  ތުހްމަތަކީ ބޮޑު ކުށެއްގެ ތުހްމަތު ކަމަށް ވާތީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކަމަށް އެ ސިޓީގައި ފާހަގަ ކޮށްފައިވެ އެވެ. އަދި ފާރިސް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނިންމާފައިވާ ސަބަބުތަކުގެ ތެރޭގައި ތުހްމަތު ކުރެވެނީ "ޖިނާއީ ބޮޑު ކުށަކަށް ކަމަށް ވާތީ" ކަމަށް ބުނެފައިވީ ނަމަވެސް ފާރިސްއާއެކު ރިޝްވަތުގެ ދިނުމުގައި ބައިވެރިވި ކަމަށް ތުހްމަތު ކުރި އަހްމަދު ޝާފިއު ދޫކޮށްލަން ހައި ކޯޓުން ކުރި ހުކުމުގައި ރިޝްވަތުގެ ކުށަކީ "ޖިނާއީ ބޮޑު ކުށެއްގެ ތުހްމަތު ނޫން" ކަމަށް ނިންމާފައިވާކަން އެ ސިޓީގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.

 

"އަހްމަދު ފާރިސްގެ މައްޗަށް ތުހްމަތު ކުރެވޭ ކަމަށްވިދާޅުވާ މައްސަލަ އަކީ ޖިނާއީ ބޮޑު ކުށެއްގެ މައްސަލައެއް ކަމަށް ވިދާޅުވެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތްކަން ކަމަނާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެކަމުގައި އަޅުގަނޑު ދެކެމެވެ." އެ ސިޓީގައިވެ އެވެ.

 

އަދިއެހެންމެ މީހެއްގެ މައްޗަށް ތުހްމަތު ކުރެވިފައިވަނީ ޖިނާއީ ކުޑަ ކުށެއްގައި ކަމަށްވާނަމަ އެމީހަކު 15 ދުވަހަށް ވުރެ ދިގު މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްގެންނުވާނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާކަން ވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އަދި ޖިނާއީ ކުޑަ ކުށެއްގައި ފާރިސް މައުމޫނު ބަންދުގައި ހުންނަވާތާ  ބުރާސްފަތި ދުވަހަށް 37 ދުވަސް ވެފައިވާކަން ވެސް އެ ސިޓީގައިބުނެފައިވެ އެވެ.

 

ފާރިސް މައުމޫން ދޫކޮށްލުމުގެ  ވަގުތީ އަމުރަކަށް އެދިފައިވާ މައްސަލާގައި  އަވަހަށް ގޮތެއް ނިންމަދޭން ހައި ކޯޓުގައި ވެސް ވަނީ އެދިފަ އެވެ.އެ ސިޓީގައި  ވަނީ ފާރިސްގެ މައްޗަށް ތުހްމަތުކުރާ ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރި އަމުރުގެ އިސްތިއުނާފު ނުނިމިވާތީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އެ މައްސަލާގެ އިސްތިއުނާފުގެ  އަޑުއެޑުއެހުންތައް ހައި ކޯޓުން ނިންމާލައި ހުކުމާއި  ހަމައަށް ގޮސްފައިވާކަން އެ ސިޓީގައި ފާހަގަ ކުރައްވާފަވެ އެވެ. އަދި އެ މައްސަލައިގެ އަޑުއެހުންތައް މި މަހުގެ ހަ ވަނަ ދުވަހާއި ނުވަނަ ދުވަހު ބޭއްވުމަށް ފަހު އަޑުއެހުންތައް ނިމިފައިވާކަން ފަނޑިޔާރުން ވަނީ އިއުލާން ކުރައްވާފަ އެވެ. އަދި އެ މައްސަލާގެ އަޑުއެހުމެއް މި މަހުގެ 20 ވަނަ ދުވަހަށް ތާވަލު ކުރުމަށް ފަހު ވަނީ ކެންސަލް ކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް