ކ. މާލެ
|
31 މާރޗް 2025 | ހޯމަ 21:08
އއ.ރަސްދޫ
އއ.ރަސްދޫ
ސޯޝަލް މީޑިއާ
އަލިފާނުގެ ހާދިސާ
ރަސްދޫ އިން ފިހުނު ދެމަފިރިންގެ ތެރެއިން އަންހެން މީހާ ނިޔާވެއްޖެ
އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ތެރެއިން އަންހެން މީހާ ނިޔާވެފައި ވަނީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް
މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ރަސްދޫގައި ހިނގި އެ ހާދިސާއާ ގުޅިގެން ފަރުވާއަށް މާލެ ގެނައި އިރު ވެސް އޭނާގެ ހަށިގަނޑު ބޮޑު ބައެއް އޮތީ ފިހިފައި

އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންގެ ތެރެއިން އަންހެން މީހާ ނިޔާވެއްޖެ އެވެ.

އުމުރުން 31 އަހަރުގެ އެ އަންހެން މީހާ ނިޔާވީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ.

މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ރަސްދޫގައި ހިނގި އެ ހާދިސާއާ ގުޅިގެން ފަރުވާއަށް މާލެ ގެނައި އިރު ވެސް އޭނާގެ ހަށިގަނޑުގެ ބޮޑު ބައެއް އޮތީ ފިހިފަ އެވެ. އޭރު ވެސް ޑޮކްޓަރުން ވަނީ އުއްމީދު ކަނޑާލާފައި ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވެ އެވެ.

އެ ހާދިސާގައި ފިރިހެނަކު ވެސް ވަރަށް ބޮޑަށް ފިހިގެން އައިޖީއެމްއެޗުގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ. މި ދެ މީހުންގެ ފަސް އަހަރުގެ ކުއްޖަކު ވެސް ހުރެ އެވެ.

ފިހުނު ދެ މީހުންގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމުގައި ލަފާ ދޭން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިންޑިއާގެ މުމްބާއީގެ ބަޓިއާ ހޮސްޕިޓަލުގެ ބާންސް އެންޑް ޕްލާސްޓިކް ސާޖަން ޑރ ޝައިލާޝް ވީ ރަނާދު ރާއްޖެ ގެނެސްފައެވެ. އަދި ފިހުނު ދެ މީހުންނަށް ވެސް ފަރުވާ ދެމުން އަންނަނީ އެ ޑޮކްޓަރުގެ ލަފާ އާއި މަޝްވަރާއާ އެކުގައި ކަމަށް އައިޖީއެމްއެޗް ހޮސްޕިތަލް ވަނީ ބުނެފައެވެ.

އެ ދެ މީހުން ފިހުނު ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެ ހާދިސާއާ ގުޅޭ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

- ކޮމެންޓް