ކުކުޅަކީ ވަރަށް ޒާތެއްގެ ޖަނަވާރެކެވެ. އެއީ ކުކުޅެއް ބިހެއް އަޅައިފިނަމަ އެކަން ސިއްރުވާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. މުޅި ސަރަހައްދުގެ އެންމެނަށް އެނގޭ ގޮތަށް ބާރަށް ކުކުޅު ރޮއެ ހަޅޭލަވާނެއެވެ. ނަމަވެސް އެއާ ހިލާފަށް ވެލާ އަމަލުކުރާ ގޮތް ވަރަށް ތަފާތެވެ. އެ ސޮރު ގޮނޑުދޮށަށް އަރައި، 50 ބިސް އެޅުމަށްފަހު ވެސް މޫދަށް ފައިބައިގެންދާއިރު، މީހަކަށް އެނގުމެއް ނުވެއެވެ. އަޑެއް ބަޑެއް ވެސް ނީވޭނެއެވެ.
ނަމަވެސް މިފަހަރު ދައްކަން މިއުޅެނީ ކުކުޅާއި، ވެލާގެ ވާހަކައެއް ނޫނެއެވެ. ދައްކަން މިއުޅޭ ވާހަކައަކީ މިސަރުކާރު އަމަލު ކުރަމުންދާ ގޮތުގެ ވާހަކައެވެ. ބައެއް މީހުން ބުނާ ގޮތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ސަރުކާރުން ވެލާ ކަންތައް ކުރާ ގޮތަށް ކަންތައް ކުރަންވެއްޖެއެވެ. ކުކުޅު އުޅޭގޮތަށް އުޅޭ އުޅުން ދޫކޮށްލަން ވެއްޖެއެވެ. ކުކުޅު އުޅޭގޮތަށް އުޅުމުން ސަރުކާރު ބަދުނާމުވެ، އިތުރަށް ރައްޔިތުންގެ ކުރިމަތީގައި ސަރުކާރުގެ އަގުވެއްޓިގެންދާތީއެވެ.
ސަރުކާރުން ފިތުރު އީދާ ގުޅިގެން މި ކުރިއަށް ގެންދިޔަ މުޅި ރާއްޖެ ދިއްލާލުމުގެ މަޝްރޫއާއެކު ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް މިވަނީ ކުރެވިފައެވެ. އަދި ބޮޑެތި ފާޑުކިޔުންތަކެއް ވެސް މިވަނީ އަމާޒުވެފައެވެ.
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް އުމަރު ވިދާޅުވެފައިވަނީ މިމަޝްރޫއަށް 28 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. އަދި 36 ރަށަކަށް ބޮކިތައް ފޮނުވި ކަމަށެވެ.
ނަމަވެސް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އީދު ބޮކި ދިއްލާފައިނުވެއެވެ. ގިނަ ރަށްރަށަށް ބޮކި ނުވެސް ލިބެއެވެ. މި ހަރަކާތް ވެސް ސަރުކާރު ޕްރޮމޯޓު ކޮށްފައިވަނީ މުޅި ރާއްޖެ ދިއްލާލުމުގެ މަޝްރޫއުގެ ގޮތުގައެވެ. މަގުސަދަކީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމެވެ. ފާޑުކިޔާ މީހުން ބުނެފައިވާ ގޮތުގައި ރަށުގައި ހިތާނީ ދުވަސްކޮޅު ވެސް އެއަށް ވުރެ ގިނައިން ބޮކިފަތިތައް ރަށުތެރޭގައި ދިއްލައެވެ.
މީގެ އިތުރުން ކުޑަކުދިންނާއި، ރައްޔިތުންނަށް އުފާވެރި ވަގުތު ކޮޅެއް ގެނެސްދިނުމަށް ސަރުކާރުން ޕްރޮމޯޓު ކުރި ފާހަގަކޮށްލެެވޭ އަނެއް ހަރަކާތަކީ ގައުމީ އެއަރލައިން، މޯލްޑިވިއަންއަށް ގެނައި، ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ދައްކާލުމަށް ބޭއްވި އެއަރ ޝޯވއެވެ. މި ޝޯވ ވެސް ވަރަށް ފޯރީގައި ޕްރޮމޯޓު ކުރި ނަމަވެސް އެއްވެސް ކަހަލަ ހަރަކާތެއް، ކުލައެއް ދެއްކުމެއް ނެތި ފްލައިޓުތައް އައިސް ރަންވޭ ގައި ޖެއްސީއެވެ. މިއާއެކު ވެސް މި މަންޒަރަކީ ކޮންމެ ދުވަހަކު ވެސް ސިނަމާލެ ބްރިޖަށް އެރުމާއެކު ފެންނަ މަންޒަރެއް ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވެގެން ދިޔައެވެ.
މީގެ ކުރީ ސަރުކާރުތަކުގައި މިފަދަ ހަރަކާތްތައް މިއަށްވުރެ މާ ފުރިހަމައަށް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން މިނިވަން 50އާ ގުޅިގެން ވެސް މުޅި މާލެސިޓީއާއި ރަށްތައް ބޮކިތަކުން ދިއްލާލިއެވެ. އަދި އީދުތަކާ ގުޅިގެން ތަފާތު ފޯރިގަދަ ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. ނަމަވެސް ކުރީ ސަރުކާރުތަކުގައި ބޮޑު މަޝްރޫއެއްގެ ގޮތުގައި ސިފަކޮށް، ބޮޑެތި ރަސްމިއްޔާތުތައް ބާއްވާފައިނުވެއެވެ.
މި ސަރުކާރަށް ތަރައްގީގެ ބޮޑު މަޝްރޫއެއް ކުރިއަށް ނުގެންދެވޭއިރު، ޚާއްސަ ދުވަސްތަކާ ގުޅިގެން ކުރިއަށް ގެންދާ މިފަދަ ހަރަކާތްތައް ވެސް ޕްރޮމޯޓް ކުރަމުންދަނީ ވަރަށް ބޮޑު ކަމެއްގެ ގޮތުގައެވެ. އެއީ މިއިން ޒަމާނެއްގައި ވެސް އެއްވެސް ސަރުކާރަކުން ކޮށްފައިނުވާ ކަމެއް މިސަރުކާރުން މިރާއްޖޭގައި ކުރާ ކަމެއްގެ ގޮތުގައި ދައްކާ އުސޫލުންނެވެ.
އެހެންކަމުން މިސަރުކާރަކީ ކުކުޅު އުޅޭ ގޮތަށް އުޅޭ ސަރުކާރެކޭ ބުނުމުގެ ޖާގަ އެބައޮތެއްނުންތޯއެވެ.