އެއްބަޔަކު ހެވޭ ގޮވަގޮވާ އޮއްވައި އީދަށް މިފަހަރުވެސް ބޮކި ދިއްލައިފި އެވެ. ޚާއްޞަކޮށް މުޅި މާލެ އޭރިޔާ އެބޮކިތަކުން ހުޅުދާން ކޮށްފިއެވެ. "އީދު މުބާރިކު" ރަމްޒުކޮށްދޭ ދިއްލުންތަކާއި ތަފާތު މަންޒަރު މަންޒަރު މަންޒަރެއެވެ. ކޮކާތަކާއި މާމެލާ މެއްޔެވެ. ހޮޅިދަނޑިތަކަށް ނެގި ބޮކިތަކާއި މަގު ހުރަހަށް ދެމި ބޮކިތަކެވެ. ފާރުފާރުގައި ދަމާފައި ހުރި ބޮތްކާއި ތަންތަނަށް ގުޅަގުޅައަށް ޖަހާފައިހުރި ބޮތްކެވެ. ނިވިފަ ދިއްލޭ ބޮތްކާއި ދިއްލިފަ ނުނިވި ހުންނަ ބޮކިބޮތްކެވެ. ހަވާހެން ފަޒާގެ ތެރޭގައި ދިއްލޭ ބޮކިބޮތްކެވެ.
ސަރުކާރުން ދުރާލާ ބުނަމުން އައީ ހެޔޮވަރުގެ 28 މިލިއަން ރުފިޔާ އެކަމަށް ހޭދަކުރާނެ ކަމަށެވެ. އަދި ކުރީ ފަހަރަށްވުރެ އިތުރުކޮށް އަތޮޅުތެރޭގައި ބޮކިދިއްލާ ރަށްތައް އިތުރުވެސް ކުރާނެ ކަމަށެވެ. އީދަށް ހަނދު ބެލިއިރު ބޮކިތައް ދިއްލި މާލެ ސަރަހައްދު ނަލަވިއިރު ބޮތްކާއި ގުޅިގެން އިވެންފެށި އަޑުތައްވެސް ފަޅަފަޅައިގެންދާން ފެށިއެވެ. ބޮކިދިއްލުމުގެ ކުރިން ފުރަތަމަ އިވުނީ ރަށްރަށަށް ފޮނުވަންބުނި ވަރަށް ބޮކި ނުފޮނުވި ނުފޮނުވުމެވެ. އެވާހަކަތަކުގައި ތިއްބާ ދެން އެއިވުނީ ބޮކިފޮނުވަން ބުނި ރަށްތަކުގެ ލިސްޓުން ބައެއް ރަށްރަށް އުނިކުރި އަޑެވެ.
އޭގެ އެއްރަށަކީ އދ އަތޮޅު އޮމަދޫއެވެ.
ސަރުކާރުން ބޮކި ފޮނުވަން ނިންމި 36 ރަށުގެ ލިސްޓުގައި އދ. އޮމަދޫ ހިމެނުމަށްފަހު އުނިކުރި ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.
ސަރުކާރުގެ މި އަމަލު ކުށްވެރިކޮށް އޮމަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ފިތުރު އީދަށް ބޮކި ފޮނުވާ ރަށްތަކުގެ ލިސްޓުގައި އޮމަދޫ ހިމެނޭ ކަމަށް އަންގާ ލޯކަލް ގަވަމަންޓު މިނިސްޓްރީން އެ އިދާރާއަށް ސިޓީއެއް ފޮނުވީ މާޗު 6، ގައި ކަމަށެވެ. އެ ސިޓީއާ ގުޅިގެން މިކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް އެ އިދާރާއިން ވި ކަމަށްވެސް އޮމަދޫ ކައުންސިލުން ބުނެފައިވެ އެވެ.
އަދި، އެގޮތަށް އެންގުނީ އޮޅުމަކުން ކަމަށް ބުނެ މިނިސްޓްރީން އޮމަދޫ ކައުންސިލަށް ދެވަނަ ސިޓީއެއް ފޮނުވީ ބޮކި ދިއްލުމުގެ އެއްދުވަސްކުރިން ރަމަޟާން މަހުގެ29 ވަނަ ދުވަހުގެ ހަވީރު 5:30 ހާއިރު ކަމަށްވެސް އެ އިދާރާގެ ބަޔާނުގައި ބުނެފައިވެ އެވެ.
ކައުންސިލްގެ ތުހުމަތު އިނގިލި ދިއްކުރީ ސިޔާސީ ގޮތުން ސަރުކާރު ތެރެއިން ބަޔަކު ކުރިކަމަކަށެވެ. އެގޮތުން އެ ކައުންސިލަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ބުރަވެވެނީ ސިޔާސީ ގޮތުން ނުފޫޒު ހުރި ފަރާތްތަކުން ބާރުވެރިކަމުގެ އޮއިވަރުގައި ޖެހި ލައިޓުތައް ގެންދިއުމަށް ކަނޑައެޅިފައިވާ ލިސްޓަށް ބަދަލު ގެނެސް އެ ރަށުގެ ނަން އެ ލިސްޓުން އުނިކޮށް އެހެން ރަށަކަށް އެ ލައިޓުތައް ބަދަލުކޮށްފައިވުން ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
އީދަށް އަލަށް ދިއްލާ ރަށްތަކުގެ ތެރޭގައި އދ. އަތޮޅުން ހިމެނުނީ މާމިގިލި އެވެ.
އޮމަދޫ ކައުންސިލުން ސަރުކާރުން ކުރި ކަމަށް ބުނާ މި އަމަލު ސިފަކޮށްފައިވަނީ އެ ރަށުގެ ރައްޔިތުން ލަދުގަންނަވާލަން ކުރި ކަމެއްގެ ގޮތުގަ އެވެ. އަދި، އެ ރަށުގެ ބަނދަރުގެ މަސައްކަތްވެސް ކުރިއަށް ނުދާ ކަމަށް ބުނެ އެ މަސައްކަތް ފަށާ ލައިޓުތައް އެ ރަށަށް ފޮނުވުމަށް އޮމަދޫ ކައުންސިލުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.
ކޮންމެއަކަސް ދިއްލި ބޮކި ދިއްލީ އެއްބައިވަންތަކަމާއެކު އެންމެން ހަމަހަމާއެކު އީދު އުފާ ކުރުމަށެވެ. އެކަމަކު އީދަށް ދިއްލާ ބޮކިތައް ދިއްލޭން ފެށުމުގެ ކުރިންވެސް މިވަނީ ތަފާތު އަޑެއް ކިޔާފައެވެ. މީގެ އިތުރުން މިހާ އިގްތިސާދީ ހާލަތު ދަށުގައި އޮތް ދުވަސްވަރެއްގައި 28 މިލިއަން ރުފިޔާ ހޭދަކޮށްގެން އީދުބޮކި ދިއްލަން ސަރުކާރުން މިހާބޮޑު އިސްކަމެއް ދިން ދިނުމާމެދުވެސް ފޮރުވިފައިވާ ސިއްރުތަކެއް ވާނޭކަމަށްވެސް އެއްބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. އަދި އީދަށް ދިއްލި ބޮކިން ނުފެންނަ ބޮކިތަކެއް އަދި ވާނޭކަމަށް އެމީހުން ތުހުމަތުކުރެއެވެ.