ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، އެ މެންބަރުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ލިޔެކިޔުންތައް ހަވާލުކޮށްފި އެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު މެންބަރުން ކޯޓަށް ހާޒިރުކުރީ، ފުލުހުން ސަފުތައް ފަޅާލައި، ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަން ކަމަށް ބުނެ މެންބަރުންގެ މައްޗަށް ކޮށްފައިވާ ގާނޫނު ތަންފީޒް ކުރާ މުވައްޒަފުންގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެންނެވެ. އެ ދައުވާ ކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުންނެވެ.
މިއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި މި ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.
ދައުވާކޮށްފައިވާ 12 މެންބަރުންނަކީ:
- ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު
- ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
- ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް(ވައްޑެ)
- ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ
- ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
- ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން
- ހެންވޭރު ދެކުނު މުހައްމަދު އަބްދުލް ކަރީމް(ރުކުމާ)
- މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު
- ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް
- މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު
- ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން
- ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު
މި މެންބަރުންގެ ތެރެއިން، ސައުދާއި ވައްޑެގެ އިތުރުން އަމީތުގެ މައްޗަށް ވަނީ އިތުރު ދައުވާއެއް ވެސް ކޮށްފަ އެވެ. އެގޮތުން، މެންބަރުން ނޫން ކަމަށް ކަނޑައަޅާފައިވަނިކޮށް، މަޖިލީހަށް ވަދެވަޑައިގެންނެވި ކަމަށް ބުނެ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ.
އެ ދައުވާކޮށްފައި ވަނީ، ގާނޫނުލް އުގޫބާތުގެ 230 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ އެއްވަނަ ނަމްބަރުގެ ދަށުންނެވެ. އެއީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އާސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މައްސަލަައިގެ އިބްތިދާއީ އަޑުއެހުން ބޭއްވުމުގެ ކުރިން ލިޔެކިޔުންތައް ހަވާލު ކުރަންޖެހެ އެވެ.
ކޯޓުން ނިކުމެވަޑައިގެން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ގެއްލި، ގޮތް ހުސްވުމުން މިހާރު ފެންނަނީ ޝަރުއީ ދާއިރާ ބޭނުންކޮށްގެން މެންބަރުންގެ މައްޗަށް ޝަރީއަތް ހިންގާ މަންޒަރު ކަމަށެވެ. އިބޫ ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚުގައި ވެސް މިހާ ގިނަ އަދަދެއްގެ މެންބަރުންގެ މައްޗަށް ދައުވާ ކުރި ފުރަތަމަ ފަހަރު ކަމަށެވެ.
އީބޫ ވިދާޅުވީ ކޯޓަށް ހާޒިރުކުރިޔަސް މަސައްކަތް ނުހުއްޓޭނެ ކަމަށާއި ހުރިހާ މެންބަރުން ވެސް ސާބިތުކަމާއެކު އިސްލާހީ މަސައްކަތުގައި ދެމި ތިއްބަވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ކަޅު ދުވަހެއް ކަމަށާއި ފެންނަނީ ގޮތް ހުސްވެގެން ގޮސްފައިވާ މިންވަރު ކަމަށެވެ. ޝާހިދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ފުރިހަމަ އަޣްލަބިއްޔަތެއް މަޖިލީހުގައި އޮތްވައި، އެ އަދަދު 27 އަށް ދަށްވުމުން ގޮތް ހުސްވެގެން ކުރައްވާނެ ހުރިހާ ކަމެއް ކުރައްވާތަން ފެންނަމުންދާ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ މެމްބަރުންނަށް ބިރު ދައްކަނީ އިދިކޮޅު ފަރާތްތަކުން ކުރަމުންގެންދާ އިސްލާހީ މަސައްކަތް ހުއްޓުވުމަށް ކަމަށާއި އެހެން ނަމަވެސް އެއްވެސް މެމްބަރަކު ފަހަތަށް ނުހެޖޭނެ ކަމަށެވެ. އަދި މެންބަރުން ކުރަމުންގެންދާ އެއްވެސް މަސައްކަތަކަށް ކުޑަވެސް މަޑު ޖެހުމެއް ނާންނާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ 12 މެމްބަރަކަށް އެއްފަހަރާ ދައުވާކުރީ މެމްބަރުންނަށް ބިރުދައްކަން ކަމަށާއި ނަމަވެސް ރައީސް އަބްދުﷲ ޔާމިން ކިތަންމެ ބިރުދެއްކެވިޔަސް ކުޑަކަކޫ ނުޖަހާނެ ކަމަށެވެ.
ޖުލައި މަހުގެ 24 ވަނަ ދުވަހު މެންބަރުންތައް މަޖިލީހަށް ވަނުމާއެކު ފުލުހުންނާއި ސިފައިން ވަދެ މެންބަރުންތައް ވަނީ ނެެރެފަ އެވެ. މިއި ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެގޮތަށް ސިފައިންނާއި ފުލުހުން ވަދެ މެންބަރުން ނެރުނު ފުރަތަމަ ފަހަރެވެ.
ޖުލައި 24 ވަނަ ދުވަހު ހިނގި ކަންތައްތަކާ ގުޅިގެން 12 މެންބަރަކަށް ދައުވާ ކޮށްފައިވާއިރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް މިހާރު ވެސް ދަނީ ދައުވާކޮށް ޝަރީއަތް ހިންގަމުންނެވެ. ފާރިސްގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވާއިރު، އޭނާ މިހާރު ވެސް ހުންނެވީ ބަންދުގަ އެވެ.