ކ. މާލެ
|
28 މާރޗް 2025 | ހުކުރު 23:06
އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ސިފައިން ކުރަނީ
އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ސިފައިން ކުރަނީ
އެމްއެންޑީއެފް
ތެލެސީމިއާ ސެންޓަރު ބަދަލުކުރުން
އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
އަންނަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގެ ކުރިން ނިންމުމަށް ދަނީ މަސައްކަތް ކުރަމުން
އޮރެންޖު ހިޔާއަށް ކުޑަކުދިން ގަޔާވާ ކަހަލަ ބައެއް ބަދަލުތައް ގެނެސްފައިވޭ
ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވަނީ ޚިދުމަތުގެ ފެންވަރު ދަށްވެ އާއްމުން މުޒާހަރާ ކުރުމާ ގުޅިގެން

ހުޅުމާލޭ ފޭސް 1 ގައި ހުންނަ އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މި މަސައްކަތަކީ، މާލޭގައި ޚިދުމަތް ދެމުން އަންނަ ތެލެސީމިއާ ސެންޓަރު ވަގުތީގޮތުން ހުޅުމާލޭ ފޭސް 1 ގައި ހުންނަ އޮރެންޖު ހިޔާއަށް ބަދަލުކުރުން އަވަސް ކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑރ.މުހައްމަދު މުއިއްޒު އެދިލެއްވުމުގެ މަތިން ގައުމީ މަސައްކަތެއްގެ ގޮތުގައި އެ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމުމަށް ސިފައިންނާ ހަވާލުކުރައްވައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި މަސައްކަތާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ މި މަސައްކަތް ކުރިއަށް ގެންދަނީ އެމްއެންޑީއެފްގެ ސަރވިސް ކޯރގެ ބެލުމުގެ ދަށުން ކަމަށާއި، މި މަސައްކަތްތައް އަންނަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގެ ކުރިން ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރސްއާ އޯވަރޯލްކޮށް މަސައްކަތް ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގައި، އެ އިމާރާތުގެ ކަރަންޓާއި އޭސީގެ މަސައްކަތް، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްއިން ކުރަމުންދާ އިރު، މަސައްކަތުގެ އައިޓީސީއާ ގުޅުންހުރި ހުރިހާ މަސައްކަތެއް ކުރަމުން ދަނީ އެމްއެންޑީއެފް ސިގްނަލްސްގެ ޓެކްނިކަލް ސިފައިންނެވެ.

އެ އިމާރާތުގައި އަމަލީ މަސައްކަތް ފެށުމުގެ ކުރިން، އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގެ ޑިޒައިނިންގ ޓީމުން ވަނީ އަލުން އެތަން ޑިޒައިންކޮށް، ކުޑަކުދިން ގަޔާވާ ކަހަލަ ބައެއް ބަދަލުތައް ގެނެސް ފައެވެ.

ހުޅުމާލޭ ފޭސް 1 ގައި ހުންނަ އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށާފައި މިވަނީ ތެލެސީމިއާ ސެންޓަރު ހިންގަމުންދިޔަ ދަމަނަވެށި ވަރަށް ބޮޑަށް ބައުވެ، އެތަނުގައި ޚިދުމަތްތައް ނުދެވި ފިލްޓަރތަކުގެ މައްސަލައެއް ދިމާވެ، ލޭ އަޅާ މީހުންގެ ލޭތައް އުކާލަންޖެހޭ މައްސަލަ ބޮޑުވެ، އާއްމު ރައްޔިތުން މުޒާހަރާ ކުރުމާ ގުޅިގެންނެވެ. އަދި އެ އިމާރާތަކީ ރައްކާތެރި ތަނެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

މި މައްސަލަ ފެންމަތިވުމާ ގުޅިގެން 23 މާރިޗް 2025 ވީ އާދިއްތަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ތެލަސީމިއާ ސެންޓަރުގެ ހާލަތު ބައްލަވާލެއްވުމަށް އެސެންޓަރަށް ޒިޔާރަތްކުރެއްވައި، މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ދަމަނަވެށީގައި ހިންގަމުންދިޔަ ތެލަސީމިއާ ސެންޓަރުގެ ހާލަތު އަދި ދަމަނަވެށީގެ އެ އިމާރާތުގެ ހާލަތު ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.

ނަމަވެސް އެމަނިކުފާނުގެ ރިޔާސީ އިންތިޚާބުގެ ކެންޕޭންގެ ތެރޭގައި މި އިމާރާތާ ގުޅޭގޮތުން ވަނީ ވާހަކަ ދައްކާފައެވެ. ރައީސް މުއިއްޒު ވިދާޅުވީ ތެލަސީމިއާ ސެންޓަރުގެ ހާލަތު ވަރަށް ދަށް ކަމަށާއި، ރަނގަޅު ޚިދުމަތެއް ނުދެވޭތީވެ، ތެލަސީމިއާ ކުދިން މަރުވާ ރޭޓް ވެސް އިތުރުވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ރަނގަޅު ޑޮކްޓަރުންނާއެކު، ފެންވަރު ރަނގަޅު ޚިދުމަތް ދެވޭ ޖާގަ ބޮޑު ތެލަސީމިއާ ސެންޓަރެއް މާލެސިޓީގައި ގާއިމް ކުރާނެ ކަމަށެވެ.

ރައީސް މުއިއްޒު ހެއްދެވި މި އިތުރުފުޅާ ގުޅިގެން ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެ، ގިނަ ބައެއްގެ ފާޑުކިޔުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

- ކޮމެންޓް