ކ. މާލެ
|
28 މާރޗް 2025 | ހުކުރު 16:47
ފީފާގެ އޮފިޝަލް ހަރާޒް: އޭނާ ވަނީ ކުރިއަށް އޮތް އޭޕްރީލް މަހު ފަށަން ހަމަޖެހިފައި އޮތް ފުޓްބޯޅަ ސީޒަން ހުއްޓުވާފަ
ފީފާގެ އޮފިޝަލް ހަރާޒް: އޭނާ ވަނީ ކުރިއަށް އޮތް އޭޕްރީލް މަހު ފަށަން ހަމަޖެހިފައި އޮތް ފުޓްބޯޅަ ސީޒަން ހުއްޓުވާފަ
ދަ އެޑިޝަން
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށުން ލަސްކުރުން
އެފްއޭއެމްގެ ނިންމުމާ ދެކޮޅަށް ފީފާގެ ހައްރާޒު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުއްޓުވައިފި
ފީފާ އިން އެފްއޭއެމް އަށް ބުރާސްފަތި ދުވަހު އަންގާފައިވަނީ، އެ ފެޑެރޭޝަންގެ އެންގުމާ އެއްގޮތަށް ފުޓްބޯޅަ އެސޯސިއޭޝަންގެ މުބާރާތްތައް ކުރިއަށްގެންދިއުމަށް ކަންކަން މި ވަގުތަށް މަޑުޖައްސާލުމަށް

ކުރިއަށް އޮތް އޭޕްރީލް މަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން، އެފްއޭއެމުން ތައްޔާރުވެފައި ވަނިކޮށް ފީފާގެ މެންބަރު އެސޯސިއޭޝަންގެ ސީނިއާ މެނޭޖަރު އަހްމަދު ހައްރާޒު އެކަން ހުއްޓުވައިފި އެވެ.

ފުޓުބޯޅަ ސީޒަން ފަށަން އެފްއޭއެމުން ނިންމާފައި ވަނީ އަންނަ މަހު 10 ގައި އެވެ.

ފީފާ އިން އެފްއޭއެމް އަށް ބުރާސްފަތި ދުވަހު އަންގާފައިވަނީ، އެ ފެޑެރޭޝަންގެ އެންގުމާ އެއްގޮތަށް ފުޓްބޯޅަ އެސޯސިއޭޝަންގެ މުބާރާތްތައް ކުރިއަށްގެންދިއުމަށް ކަންކަން މި ވަގުތަށް މަޑުޖައްސާލުމަށެވެ.

ފުޓުބޯޅަ ސީޒަން ކުރިއަށް ނުގެންދަން ހައްރާޒު އެފްއޭއެމަށް އެންގި އިރު، އެ ކަލަންޑަރަށް ބަލައި، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ފިޔަވައި، ފުރަތަމަ ޑިވިޝަނުގައި ކުޅޭ ބާކީ ނުވަ ޓީމުން ވަނީ އެ ތާވަލާ އެއްގޮތަށް ޕްރީ ސީޒަން ވެސް ފަށައިފަ އެވެ.

އެފްއޭއެމުން މި މަހު 16 ގައި، އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދު އިސްލާހު ކުރުމަށްޓަކައި، މަސައްކަތް ހިންގުމަށް ބޭނުންވާ ކޮމިޓީތައް ފާސްކުރަން، ބޭއްވި ކޮންގްރެސްގައި ފީފާ/ އޭއެފްސީ އާއި އެފްއޭއެމްގެ މެންބަރު ކްލަބްތަކުން ބައިވެރިވި އެވެ. އަދި މި ކޮންފަރެންސްގައި ވެސް ހައްރާޒު ވަނީ ފުޓްބޯޅަ ސީޒަން ނުފަށަން ބާރު އަޅައި ވާހަކަ ދައްކާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުޓްބޯޅަ ސީޒަން ނުފަށަން ހައްރާޒު، އެފްއޭއެމަށް އެންގީ އެފްއޭއެމްގެ އަސާސީ ގަވާއިދުގައި ހުރި މައްސަލަތައް ހައްލު ކުރުމަށެވެ. އަދި މީގެ އިތުރުން ނޯމަލައިޒޭޝަން ކޮމިޓީއާ ހަވާލު ކުރި މައްސަލަތަކަށް އިސްކަން ދިނުމުގެ ގޮތުންނެވެ.

ފީފާގެ ފަރާތުން ރާއްޖެއާ ގުޅޭ ކޭސް ބަލަހައްޓަނީ މިސްރަށް ނިސްބަތްވާ ހައްރާޒެވެ. ފީފާގައި ހައްރާޒު އަދާކުރާ މަގާމުގެ ބޭނުންކޮށް އެފްއޭއެމްގެ ކަންކަމަށް އޭނާ ނުރަނގަޅު ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތައް ހައްރާޒަށް މީގެ ކުރިން ވެސް އޮތީ ކުރެވިފަ އެވެ.

އެފްއޭއެމްގެ ކުރީގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފާ ގާތްގުޅުމެއް އޮންނަ ހައްރާޒު މަސައްކަތް ކުރަނީ އެފްއޭއެމްގެ ކުރީގެ ލީޑާޝިޕްގެ ބޭފުޅުންނަށް ކަންކަން މަގުފަހިވާ ގޮތަށް ކަމަށް ވެސް ބައެއް ކްލަބްތަކުން ހައްރާޒުގެ މައްޗަށް ތުހުމަތު ކުރެ އެވެ.

ގިނަ ޕްރެޝަރުތަކެއް ބޮޑުވަމުން އައި ދަނޑިވަޅެއްގައި، ހައްރާޒު މި ވަނީ ފީފާ މެދުވެރިކޮށް ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަންނަ މަހު ފެށުން ވެސް ފަސްކޮށްފަ އެވެ.

ރާއްޖޭގައި އެންމެ ފަހުން ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތެއް ކުޅެފައިވަނީ، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

އޭގެ ފަހުން، ފުޓްބޯޅަ ސީޒަން ފަށަން ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުގެ އެއްބާރުލުމާ އެކު، ސްޕޯޓްސް މިނިސްޓްރީން ވަނީ ފުޓްބޯޅަ ކްލަބްތަކަށް ނުވަ މިލިއަން ރުފިޔާ ފޯރުކޮށްދީފަ އެވެ.

އެ ފައިސާ އިން ގިނަ ކްލަބްތަކުގައި ހުރި މާލީ ބައެއް މައްސަލަތައް ހައްލުކޮށް ޕްރީ ސީޒަން ވެސް ފަށާފައިވަނިކޮށް، ބައެއް ކްލަބްތަކުން ވެސް އެދޭތީ ކަމަށް ބުނެ، ފީފާގެ ގަވަރްނަންސް މެނޭޖަރު، ހައްރާޒު އަޑީގައި ހުރެ، މި ވަނީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުއްޓުވައިފަ އެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އޮޑި ސްޕޯޓްސް ކްލަބުން ވަނީ، ބިދޭސީ ކޯޗަކާއި ކުޅުންތެރިންގެ ކަންކަން ވެސް ހަަމަޖައްސައިފަ އެވެ. ގިނަ ކްލަބްތަކަކުން ކުޅުންތެރިން ލައްވައި ޕްރެކްޓިސް ފެށީ އެޑްވާންސް ފައިސާ ވެސް ހަމަޖައްސައިދީފަ އެެވެ.

- ކޮމެންޓް