މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރައްޔިތުންގެ މަޖިލީހުގެ މާލީއްޔަތު ކޮމެޓީއާ ބައްދަލު ކުރަން އެދުމުން މީޑިއާ ކައުންސިލް އުވާލުމަށް ގޮވާލައިފިއެވެ.
މާލީއްޔަތު ކޮމެޓީއާ މީޑިއާ ކައުންސިލްގެ ފަރާތުން ބައްދަލު ކުރަން އެދުމުން މީޑިއާ ކައުންސިލް އުވާލަން ޖެހޭ ކަމަށް ވިދާޅުވީ ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ނައިބް ލީޑަރު އަދި ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދުއެވެ.
މީޑިއާ ކައުންސިލްގެ ފަރާތުން މާލީއްޔަތު ކޮމެޓީ އަށް ފޮނުވި ސިޓީއާ ގުޅިގެން ރިޔާޒް ރަޝީދު ވިދާޅުވީ މީޑިއާ ކައުންސިލްގައި ތިއްބަވަނީ ނޫސްވެރިން ކަމަށާއި އެހެން ކަމަުން ނޫސްވެރިންނަށް ނޫސްވެރިންގެ މައްސަލަ ބެލުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ރިޔާޒް ވިދާޅުވީ ނޫސްވެރިންގެ ނޫސްވެރިންގެ މައްސަލަތައް ބެލުމަކީ މަސްލަހަތު ފުށުއަރާނެ ކަމެއް ކަމަށެވެ.
ރިޔާޒް ވިދާޅުވީ މިހާރު ވެސް މޯލްޑިވްސް މީޑިއާ ކައުންސިލް އާއި ބޮރޯޑް ކާސްޓިން ކޮމިޝަނާ ދެމެދު މައްސަލަތައް ކެރިމަތިވެފައިވާ ކަމަށާއި ސަބަބަކީ އެއް ބާވަތެއްގެ މަސައްކަތެއް ކުރާ ދެތަން ހުރުން ކަމަށެވެ. އެހެން ކަމުން މީޑިއާ ކައުންސިލްގެ މަސައްކަތްތައް އެހެން މުއްސަސާއަކާ ހަވާލު ކުރެވިދާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދައުލަތަށް އެއްވެސް ފައިދާއެއް ނުކުރާ ނުވަތަ އެއްވެސް އާންމުދަނީއެއް ނުލިބޭ ތަނެއް ބެހެއްޓުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެހެން ކަމުން މާލީއްޔަތު ކޮމެޓީން މީގެ ކުރިން ވެސް ނިންމާފައިވާ ގޮތަށް މީޑިއާ ކައުންސިލް އުވާލަން ޖެހޭ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
މި މައްސަލަ އަށް ވާހަކަ ދައްކަމުން އެމްޑީޕީއަށް ނިސްބަތްވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ މީޑިއާ ކައުންސިލުން މާލީއްޔަތު ކޮމެޓީއާ ބައްދަލު ކުރުމަށް އެދި ފޮނުވި ސިޓީގައި ބައްދަލު ކުރަން ބޭނުންވާ ސަބަބު ބަޔާން ކޮށްފައި ނުވާ ކަމަށެވެ. އެހެން ކަމުން މީޑިއާ ކައުންސިލުން މާލީއްޔަތު ކޮމެޓީއާ ބައްދަލު ކުރަން އެދުނު ސަބަަބު ސާފް ކުރުމަށް މީޑިއާ ކައުންސިލަށް ސިޓީ ފޮނުވުމަށް ޣަފޫރު ހުށަހެޅުއްވި އެވެ.
އޭނާ ވިދާޅުވީ މީޑިއާ ކައުންސިލްގެ ފަރާތުން މާލީއްޔަތު ކޮމެޓީއާ ބައްދަލު ކުރަން ޖެހޭނީ މާލީ ކަމެއްގައި ކަމަށާއި އެ ނޫން ކަންކަމުގައި މީޑިއާ ކައުންސިލުން ބައްދަލު ކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއާ ކަމަށް އޭނާ ވިދާޅުވިއެވެ.
މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ކޮމެޓީއާ ބައްދަލު ކުރުމަށް މީޑިއާ ކައުންސިލުން އެދުމުން ބައްދަލުކުރަން ނުޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެން ކަމުން މަޖިލީހުގެ ޗުއްޓީ އަށް ފަހު ކޮމެޓީ އަށް ފެސާހަ ގަޑިއެއްގައި ބައްދަލު ކުރަން ފެންނަ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ކޮމެޓީގެ މުގައްރިރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެން މަނިކް ވިދާޅުވީ މީޑިއާ ކައުންސިލްގެ ފަރާތުން މާލީއްޔަތު ކޮމެޓީއާ ބައްދަލު ކުރަން ބޭނުންވާ ސަބަބު ސާފް ކުރުމަށް ކޮމެޓީގެ ފަރާތުން ސިޓީއެއް ފޮނުވާނެ ކަމަށެވެ. އަދި ސިޓީ ލިބުމުން ކޮމެޓީން މީޑިއާ ކައުންސިލްއާ ބައްދަލު ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ނިހާން ވިދާޅުވިއެވެ.