ކ. މާލެ
|
27 މާރޗް 2025 | ބުރާސްފަތި 14:12
އައްޑޫ އިން ކަރަންޓު ކެނޑުމުގެ މައްސަލަ މި ސަރުކާރަކަށް ހައްލެއް ނުވި
އައްޑޫ އިން ކަރަންޓު ކެނޑުމުގެ މައްސަލަ މި ސަރުކާރަކަށް ހައްލެއް ނުވި
ރާއްޖެއެމްވީ ގްރެފިކްސް
މަގޭ ރިޕޯޓް
މުއިއްޒުބޭގެ ބޮކިދިއްލުން. އައްޑޫ ރައްޔިތުން ރަތަށް
ކަރަންޓުމައްސަލަ ހައްލު ނުވެ އައްޑޫ ރައްޔިތުން ތިބީ މާޔޫސްވެފައެވެ. ގެންދިޔަ ޖަނަރޭޓަރަކީ ބާ އެއްޗެކެވެ. ސަރުކާރުން ބަލަނީ އައްޑޫގައިވެސް އީދުބޮކި ދިއްލޭތޯއެވެ

މުއިއްޒުބޭއެވެ. މަމިހުރީ މިރޯދަމަހު ފަތަށް ގިނަ ކުރާން އެއްޗެއް ނުބުނެ ވޭތޯއެވެ. ލައްކަ ކެއްކޮށްފީމެވެ. ފެންނަ މަންޒަރުތަކަކީ ނުފެންނަ އެއްޗަކަށް ހަދައިގެން ހުރެވޭތޯ ވަރަށް މަސައްކަތް ކޮށްފީމެވެ. އިވޭ އަޑުތަކާމެދު ސަމާލުނުވެ އުޅެވޭތޯ މަށަށް ވެވުނުވަރަކުން މިހުރީ ހިތްވަރު ވެސް ކޮށްގެންނެވެ.

އެކަމަކު މީހަކަށް ކުޅަދާނަވާނީ ވެސް ވަކިވަރަކަށްތާއެވެ. އެއްޗެއް ނުބުނެ ނުހުރެވޭ ވަރަށް ރޯމާދުވާލު މިފެންނަ މަންޒަރުތަކުން ރޯދަމަހެއް ކަމަކު ހިމޭނުން ހުންނާނީ ކިހިނެއް ހެއްޔެވެ. އިވޭ އަޑުތަކަށް ބީރުކަންފަތެއް ދީގެން ހުންނަ ވަރަށްވުރެ އެއަޑުތަކުން ކަންފަތް ކެހުން ގަދަވީމާ ވަރިހަމަ ކޮށްލައިގެން ހުރެވޭނެ ހެއްޔެވެ.

މަ އޭރުވެސް ބުނީމު ނޫންހެއްޔެވެ. ތިޔަ ދަމާން އުޅޭ ބޮކިތައް ދަމައިގެން ތިޔަ ދިއްލާ ދިއްލުމަށް ރުހޭ މީހަކު ނޫޅޭނެއެވެ. އެފަހަރުވެސް ކަންވީގޮތް އެނގޭ ނޫން ހެއްޔެވެ. މީހުން ތިޔަ ބޮތްކަކާ ހެދި ދެމި ކުސައާއި ލެވި ހަޅޭކާ އެކުރި އާޑަ ފުރައްސާރަ ހަމަގައިމުވެސް އިއްޔެ މެންދުރު ވީ ކަމެއްހެން މަށަށް އެބަ އާވެއެވެ. ތިޔަ ދިއްލުންތަކެއް ދިއްލައި ނިމުނުއިރު ގޭގޭގެ ކަރަންޓްބިލު ބޮޑުވެގެން އެމީހުން ކީ ހާސަރުތައް އަދި ހަނދާނެއް ނުނެތެއެވެ. ބޮކިތަކަށް ކުރި ޚަރަދުގެ ވާހަކަ އިވުނީމާ މީހުން ލަވާއުޅުނު ހަޅޭކުގެ އަޑު އަދިވެސް ނުކެނޑެއެވެ.

އެކަން އެގޮތައް ހުއްޓާ މިފަހަރުވެސް ތިޔަ އުޅެނީ ތިޔަ ދިއްލުމެއް ދިއްލާށެވެ. މިރޯދަމަހު މީހުން އުޅުނު ހާލަށްވެސް ބެލުމެއް ނެތިއެވެ. ތަކެތީގެ އަގުބޮޑުކަމުގެ މިސާލު ކާއްޓެއްގެ އަގުން ފުއްދާލާނަމެވެ. އެކަމަކު އެއިން ކަމަކަށް ބެލުމެއްނެތި ތިޔަބޮކިތައް ތިޔަ ދަމަނީ އެކަމަށް އެންމެ ރުފިޔާއެއް ދެރުފިޔާއެއް ހަރަދު ކޮށްގެނެއް ނޫނެވެ. ނަގުދު ރުފިޔާއިން ހެޔޮވަރުގެ 28 މިލިއަން ރުފިޔާ އެއަށް ތިޔަ ތަޅާލަނީއެވެ. ރޯދަމަހުގެ ރަތްދައްކާ އަވީގައި ރޯދައަށް ތިބެގެން ތިޔައެއްޗެއް ހަރުކުރާން އުޅޭ ކުދިން އެތިބެނީ ފޫޓަކަށް ދޫ ނުކުންނަ ވަރުގައެވެ. މެދުކެނޑުމެއްނެތި އެމަސައްކަތުގައި އުޅޭ ކުދިން ދަންވަރަށްވެސް ތިޔަކަމެއްގައި އެއުޅެނީ ރޭއަޅުކަމަށްވެސް ދާނެ ވަގުތެއް ނެތިއެވެ. އަޅުކަމަށް މުޅި ސަރުކާރު ބަންދުކޮށްފީމޭ ރައްޔިތުންނަށް ފާގަތިކަމާ ފަލާހޭ ގޮވަގޮވާ ތިޔަ އޮންނަވަނީ އާރަށުގައި ކުކުޅު ކާލައި ރައްޓެހިންނާއެކު ފުޓުބޯޅަ ކުޅެލަކުޅެއެވެ. ރައްޔިތުން މިތެޅޭ ހާލެއް އެނގޭހެނެއް، ނޫންނަމަ އެޔަކާ ވާކަމެއް ހެންވެސް ހީނުވެއެވެ.

ގައިމު ތިޔަ ބޮތްކަކަށް ދެކޮޅު ހަދަހަދާ އައްޑޫ ރައްޔިތުން އެހެރަ ހަލާކުވަނީއެވެ. ރޯދައަށް ގެނައި އާ ޓީވީތަކާއި އައިސް އަލަމާރިތައް އެދަނީ ބަޑިޖަހަމުންނެވެ. މިކްސަރުތަކަށް ކަރަންޓް ނައިސްގެން އަންހެންވެރިން އެތިބީ ގޮތް ހުސްވެފައެވެ. ކުދި ޅަދަރިން މި ރޯދަމަހު އެތިބީ ގަދަ ހޫނުގައެވެ. މާލެ ނަގާފައި އެންމެބޮޑު އާބާދީއެއްއޮތް ސިޓީން ދެއިރުކާ ބޭހެއްހެން އެދަނީ ކަރަންޓް ކެނޑެމުންނެވެ. އެކަމަށް ހައްލެއް ގެނެވޭނޭ އިރެއް މި ސަރުކާރުގެ ހަފޮޅުން އެތެރޭގައި ހުރި އެކަކަށްވެސް އެނގެނީކީ ނޫނެވެ. އެވެރިން އެކަމާ އިހުތިޖާޖްކޮށްނަގާއިރު މުއިއްޒުބޭ ބުނެގެން އެތަނުގައިވެސް ތިޔައުޅެނީ ބޮތްކެއް ހަރު ނުކުރެވިގެންނެވެ.

އެވެރިން ކަރަންޓުގެ ވާހަކަ ދެއްކީކީ އިއްޔެއަކު މިއަދަކު ނޫނެވެ. ރޯދަމަހުގެ ކުރިންވެސް އެމީހުން އައީ އެވާހަކަ ގޮވާ ނަގަމުންނެވެ. އޭރުވެސް ކެނޑީ ފޮންޏެކެވެ. މަޖްބޫރުން ނަމަވެސް ކުރިން ހުރި ކަލޭގެ ދިޔައީމާ ދެންތިޔަ ފެނަކައަށްލީ މީހާ ދިނީ ވަރުވަރުން ޔަގީން ކަމެވެ. މިރޯދަމަހު އައްޑޫގެ ކަރަންޓް ނުކެނޑޭނެ ކަމަށް ބުނެއެވެ. އެކަން ހައްލުކޮށް ރޯދަމަހަށް އައްޑޫ ރައްޔިތުންގެ މުހުތާދުތައް ފިލުވައިދޭނެކަމަށް ބުނެއެވެ. އެކަން ނުވިއްޔާ އައްޑޫ ރައްޔިތުން ގަދަހޫނުގައި ބައިތިއްބާފާ މަށަކުވާ ފިނިކޮޓަރީގައި ނޯންނާނަމޭ ވެސް ބުންޏެވެ. އިސްތިއުފާ ދީފައި ދާނަމޭވެސް އެކަލޭގެ ބުންޏެވެ.

އެކަމަކު އެވާހަކަތައް ވީ އިހު ގޮވުނު ބަންޖަކަށެވެ. އެބަނދި މިހާރު ރުކަށްއެރި މީހާގެ ނަދުރަށްވެ ނިމުނީއެވެ. އެވަގުތައް ކުޑައިކޮށް މަތިއޮމާން ކޮށްލެވުމާއެކު އަސްލު މައްސަލައަށް ރޯދަމަސް ނިމުނުއިރުވެސް ތިޔައޮތީ ކަމެއް ނުކުރެވިއެވެ. ހިސާބަކަށްވެސް އަޅާނުލެވިއެވެ. މިލިއަނުން މިލިއަނުން ލާރި ދީފައި ދެންވެސް ތިޔަ ފޮނުވީ ބޭރުން ކުލަކޮޅެއް ކާއްތާލާފައި ބާ ޖަނަރޭޓަރު ގަނޑެކެވެ. މީހަކުވާ ހައިރާންވެ އަންތަރީސް ނުވާނެ ހެއްޔެވެ. ރުޅިގަދަ މީހަކަށް ފައި އެއްތަނެއްގައި ހަރުލާނެ ހެއްޔެވެ. ކަރަންޓް މައްސަލަ ހައްލުވާނޭ ދުވަހެއްގެ ކޮޅެއް މެދެއްވެސް ނޭނގިތިބެ ތިޔަ ދިއްލާން އުޅޭ އީދު ބައްތިތަކަށް އެވެރިންނަށް އާ ބަސްބުނެވޭނީ ކިހިނެއް ހެއްޔެވެ. އައްޑޫ ކައުންސިލުންވެސް އެބުނަނީ އެވާހަކައެވެ. އެހާލުގައި އެވެރިންގެ ރައްޔިތުން ބައިތިއްބާފައި ކޮންމެހެން އެތަނުގައި އީދުބޮކި ދަމާނެ ކަމެއް ނެތޭ އެވެ. އެކަމަކުން ރައްޔިތުންގެ ކަންބޮޑުވުމަށް ލިބޭނެ ހަލަލެއް، ކުރާނެ ފައިދާއަކާ މޮޅެއް އަދި ފެންނާނެހާ އުފާވެރިކަމެއް ނޯންނާނެއެވެ. އެހެންވެ އެވެރިން ހަރުއަޑުން އެގޮވާ ނަގަނީ ތިޔަ ބޮތްކެއް ދަމާނެ ކަމެއްނެތެވެ. މުއިއްޒުބޭގެ ބޮކި އެތަނުގައި ދަމާނެ ކަމެއް ނެތޯއެވެ. މުލިއާގޭ ގަޔާއި އާރަށު ގޮޑުދޮށުގައި ދަމައިގެން ތިޔަ ކުރާ މަޖަލެއް ކޮށްލަކޮށްލާ ތިބޭށެވެ. އަހަރަމެންވާ ތިޔަ ބޮތްކަށާއި މުއިއްޒުބޭއަށް ސަލާމެވެ.

- ކޮމެންޓް