ކ. މާލެ
|
26 މާރޗް 2025 | ބުދަ 16:53
ދެކުނު އެމެރިކާ ވޯލްޑްކަޕް ކޮލިފައިން: އާޖެންޓީނާ އަދި ބްރެޒިލް ބައްދަލުކުރި މެޗުގެ ތެރެއިން އެލެކްސިސް މެކް އެލިސްޓާ ބްރެޒިލްއާ ދެކޮޅަށް ލަނޑު ޖަހަނީ
ދެކުނު އެމެރިކާ ވޯލްޑްކަޕް ކޮލިފައިން: އާޖެންޓީނާ އަދި ބްރެޒިލް ބައްދަލުކުރި މެޗުގެ ތެރެއިން އެލެކްސިސް މެކް އެލިސްޓާ ބްރެޒިލްއާ ދެކޮޅަށް ލަނޑު ޖަހަނީ
ދި ހިންދޫ
ދެކުނު އެމެރިކާ ވޯލްޑް ކަޕް ކޮލިފައިން
ބްރެޒިލް ބަލިކޮށް އާޖެންޓީނާ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
އާޖެންޓީނާއިން ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރު ކުރީ ދެކުނު އެމެރިކާގެ ކޮލިފައިންގައި ބުދަ ދުވަހު ވަރުގަދަ ބްރެޒިލް އާއި ދެކޮޅަށް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެން. މި މެޗަށް ނިކުތްއިރުވެސް ޕޮއިންޓެއް ހޯދައިގެން ވޯލްޑްކަޕްގެ ޖާގައެއް އާޖެންޓީނާއަށް ކަށަވަރުވާނެ

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ޖާގައެއް އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން ހޯދައިފި އެވެ.

އާޖެންޓީނާއިން ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރު ކޮށްފައިވަނީ ދެކުނު އެމެރިކާގެ ކޮލިފައިންގައި ބުދަ ދުވަހު ވަރުގަދަ ބްރެޒިލް އާއި ދެކޮޅަށް ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

މި މެޗަށް ނިކުތްއިރުވެސް ޕޮއިންޓެއް ހޯދައިގެން ވޯލްޑްކަޕްގެ ޖާގައެއް އާޖެންޓީނާއަށް ކަށަވަރުވާނެ އެވެ.

މި މެޗުން އާޖެންޓީނާ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ކޮލިފައިންގައި މިހާތަނަށް ކުޅުނު 14 މެޗުން 31 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް އެކުއަޑޯ އަށް 23 ޕޮއިންޓް ލިބިފައިވާއިރު ބްރެޒިލް އަށް ލިބިފައިވާ 21 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނަ މަގާމުގަ އެވެ.

އަނިޔާގައި ހުރި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ނުލައި ކުޅުނު މި މެޗުގައި އާޖެންޓީނާ އިން ވަނީ މޮޅު ކުޅުމެއް ދައްކާފައި އެވެ. އެގޮތުން މި މެޗުގެ ހަތަރުވަނަ މިނިޓުގައި ޖޫލިއަން އަލްވަރޭޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ އަށް މިނިޓު ފަހުން އެންޒޯ ފެނާންޑޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށް ދީފަ އެވެ.

އާޖެންޓީނާއިން ދެ ލަނޑު ޖަހާފައި ވަނިކޮށް މެޗުގެ 26 ވަނަ މިނިޓުގައި ބްރެޒިލް އިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މެތިއުސް ކޫނިއާ އެވެ.

މި މެޗުގައި އާޖެންޓީނާއިން ޖެހި ތިންވަނަ ލަނޑު މެޗުގެ 37 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެލެކްސިސް މެކަލިސްޓާ އެވެ. އާޖެންޓީނާއިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 69 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޖިއުލިއާނޯ ސިމިއޯނީ އެވެ.

ދެކުނު އެމެރިކާގެ ކޮލިފައިންގައި ބުދަ ދުވަހު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޗިލީ އާއި އިކުއެޑޯ ބައްދަލުކުރި މެޗު ނިމިފައިވަނީ ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެގެންނެވެ. އަދި ޕެރޫ އަތުން 1-0 ގެ ނަތީޖާއަކުން ވެނެޒުއޭލާ މޮޅުވެފައިވާއިރު ކޮލަމްބިއާ އާއި ޕެރަގުއޭ ބައްދަލުކުރި މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

- ކޮމެންޓް