ބިރު ދެއްކި ނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެ އެވެ.
މަސީހު އެގޮތަށް ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާލައްވަމުންނެވެ. މި ޖަލްސާއަކީ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާ އެވެ. މިއީ މި ދައުރުގައި ބޭއްވި 11 ވަނަ ޖަލްސާ އެވެ.
"ކުރިމަތިވާ ބިރު ދެއްކުމަކަށް، ނުވަތަ ނުފޫޒަކަށް ނުވަތަ ދައްޗަކަށް ބެލުމެއް ނެތި މާތްވެގެންވާ އިސްލާމްދީނާއި މިލޮބުވެތި ދިވެހި ގައުމުގެ ހައްގުގައި ފަސްޖެހުމެއް ނެތި ސާބިތުކަމާ އެކު ކުރިއަށްދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އިއްޒަތްތެރި ހުރިހާ މެމްބަރުންނަށް އަރުވަން،" ޖަލްސާ ނިންމާލައްވަމުން މަސީހު ވިދާޅުވި އެވެ.
މަސީހު އެގޮތަށް ވިދާޅުވިއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ބުނަމުން ގެންދަވަނީ މަސީހަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ކަމަށާއި މިހާރު އެއީ މަޖިލީހުގެ ރައީސް ނޫން ކަމަށެވެ. އެއި އާދައިގެ މެންބަރެއް ކަމަށެވެ.
އެ މެމްބަރުން އެގޮތަށް ވިދާޅުވަމުން ގެންދަވަނީ މަޖިލީހުގެ މެޖޯރިޓީއަށްވުރެ ގިނަ މެމްބަރުން ސޮޔާއެކު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން އެމައްސަލައަށް ވޯޓަށް އެހުމުގެ ބަދަލުގައި މަޖިލީހުގެ ރިޔާސަތުގައި މަސީހު އިންނަވައިގެން ޖަލްސާތައް ކުރިއަށް ގެންދަވާތީ އެވެ.
ސަރުކާރު ހިންގާ މައި ޕާޓީއަށް ނިސްބަތްވާ 10 ވަރަކަށް މެމްބަރުންނާއެކު ޖުމްލަ 45 މެމްބަރުންގެ ސޮޔާއެކު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާއެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނަމުންދަނީ މަޖިލީހުގައި ސަރުކާރަށް އޮތް މެޖޯރިޓީ ގެއްލިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ގައުމުގެ ކަންކަން ހަމަމަގަށް އެޅުވުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށާއި އެމަސައްކަތް ކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް ވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދަނީ ބުނަމުންނެވެ.
އެމްޑީޕީއާއި ޕީޕީއެމް ރައީސް މައުމޫން ފެކްޝަނާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ ގުޅިގެން މަސައްކަތް ކުރަމުންދާއިރު، ސަރުކާރުން ދަނީ އެޕާޓީތަކަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނަށް ތުހުމަތުކޮށް، ތަހުގީގުތައް ހިންގަމުންނެވެ. އަދި ޝަރީއަތްތައްކޮށް، ސަރުކާރުން ދަނީ ބޮޑެތި ފިއްތުންތައް ކުރިމަތި ކުރުމަމުންނެވެ.