އއ. ރަސްދޫގައި ހޯމަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެމަފިރިއަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ.
އެނގިފައިވާ ގޮތުން އެ ދެމަފިރިންގެ ހާލު ސީރިއަސްވެ އިތުރު ފަރުވާދިނުމަށް ވަނީ މާލެ ގެނެސްފައެވެ.
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްޗްއެޗް) އިން ބުނީ އެ ހާދިސާގައި ފިހުނު ދެމަފިރިންނަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. އެ ދެމަފިރިންނަށް ފަރުވާ ދެމުން ދަނީ އިމަރޖެންސީގައެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ހޯމަ ދުވަހުގެ ރޭ 23:15ހާއިރެވެ. ރަސްދޫގެ ގެއެއްގައި އަލިފާން ރޯވި މައްސަލަ އެ އިދާރާއިން ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ރަސްދޫ މީހަކު މި ނޫހަށް މައުލޫމާތުދެމުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މި ހާދިސާގައި އަނިޔާވި ދެމަފިރިން ދިރިއުޅުނު ކޮޓަރީގައި ކަމަށެވެ. އެ ހާދިސާގައި ދެމަފިރިން ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް އޭނާ ވަނީ ރާއްޖެއެމްވީ އަށް މައުލޫމާތުދެމުން ބުނެފައެވެ.