ލިޔެކިޔުންތަކަށް ބައްލަވައިފި ނަމަ އެންމެ ގިނަ ފަހަރަށް ޕާޓީ ބަދަލުކުރެއްވި ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވެލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ޕާޓީ ބަދަލުކޮށްގެން މީހަކު ވަކި ކުރަން ޖެހޭނަމަ ވަކި ކުރަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކަމަށެވެ.
"ރައީސް ޔާމީން އަކީ ޑީއާރްޕީ އުފެދުނުއިރު ޕާޓީގެ އެންމެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅެއް. އެ އަށްފަހު ޕީއޭ އުފައްދަވައިގެން ޑީއާރްޕީން ކެނޑިވަޑައިގެން ޕީއޭ އަށް ވަޑައިގެންނެވި. ޕީއޭގެ މެމްބަރެއްގެ ގޮތުގައި އިންތިޙާބު ވެވަޑައިގެން 16 ވަނަ ރައްޔިތުން މަޖިލީހަށް ރައީސް ޔާމީން ވަދެވަޑައިގަތީ,،" ޝާހިދު ވިދާޅުވި އެވެ.
ޕީޕީއެމް އުފެއްދެވުމަށްފަހު ރައީސް ޔާމީން ޕީއޭއިން ވަކިވެވަޑައިގެންނެވި އެވެ.
އެހެން ޕާޓީތަކުގެ ތާއިދާއެކު ރައީސް ކަމަށް ވަޑައިގެންނެވުމަށް ފަހު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އެ ޕާޓީން ބޭރުކުރައްވާފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގެ މެމްބަރުކަމަށް ހޮވުމަށްފަހު ޕާޓީ ބަދަލުކުރުމަކީ ޤާނޫނު އަސާސީގެ ތެރެއިން ލިބިދީފައިވާ ހައްޤެއްކަމަށް ޝާހިދު ފާހަގަކުރެއްވި އެވެ.
ޝާހިދު މިހެން ވިދާޅުވިއިރު، ޕާޓީ ބަދަލުކޮށްފި ނަމަ، ނުވަތަ ވަކިވެއްޖެ ނަމަ، ނުވަތަ ވަކިކޮށްފި ނަމަ ޕާޓީގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމެއް ކޮށްފަ އެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ސުލޫކީ މައްސަލައެއްގައި ޕާޓީ ވަކިކުރިޔަސް، އިންތިހާބުވެފައިވާ ގޮނޑިއެއް ނުގެއްލެ އެވެ.