ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލުކޮށްފި.
ގާސިމް އަށް ފޮނުވި ޗިޓްގައި އަންގާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10.30 ގައި ކޯޓަށް ހާޒިރުވުމަށެވެ. މި އަޑުއެހުމުގައި އޮންނާނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނާ މައްސަލާއި ގުޅިގެން ހެކިބަސް ނެގުމާއި ހެއްކާއި ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ.
ގާސިމްގެ ޝަރީއަތް ކުރިއަށް ގެންދަނީ ނޫސްވެރިންނާއި އާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރު ކޮށްގެންނެވެ. މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވެފައިވާ ގޮތުގައި ގާސިމްގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދަނީ ކޯޓުގެ މުވައްޒަފުންނަށާއި ފަނޑިޔާރުންނަށް ބަޔަކު އިންޒާރުދީ ބިރުދައްކަމުންދާތީއެވެ.
ކްރިމިނަލް ކޯޓުން ބުދަ ދުވަހު ބޭއްވި ޝަރީއަތުގައިވަނީ ފޮރެންސިކް ދެ ފުލުހެއްގެ ހެކިބަސް ނަގާފައެވެ.
އަޑުއެހުމަށް ފަހު ނިކުމެވަޑައިގެން ގާސިމްގެ ވަކީލުން ވިދާޅުވީ ދެ ފުލުހެއްގެ ހެކިބަސް ނެގީ ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯ ރެކޯޑިންގ އާ ބެހޭ މައުލޫމާތު ސާފު ކުރުމަށް ކަމަށެވެ.
ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ 'ށ' ގެ ދަށުން ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ އުފުލާފައިވާއިރު، އެއީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި މި ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އަށް އަހަރުގެ ދުވަހުގެ ޖަލު ހުކުމެކެވެ.
ގާސިމްގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އޭނާ ތަމްސީލު ކުރައްވާ މާމިގިލީ ދާއިރާގެ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒް ކުރަން ޖެހިއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ އެވެ.