ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދަރިފުޅުގެ ކަރާމާތް ގެއްލޭ ފަދަ ވާހަކަ އެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ، ރާއްޖެޓީވީ އާއި ގުޅުން ހުރި މައްސަލަ އެއް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފިއެވެ.
އެކަން ހާމަކޮށް 17 މާރޗް 2025ގައި އެ ކޮމިޝަނުން ވަނީ ރާއްޖެޓީވީ އަށް ސިޓީ އެއް ފޮނުވާފައެވެ.
ބްރޯޑްކޮމް އިން ރާއްޖެ ޓީވީގެ ސީއޯއޯ ނާޒްމީ ސައީދު އަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ވަނީ 12 މާރޗް 2025ގައި ރާއްޖެޓީވީން ދެއްކި އެމްޑީޕީ ކުއްލި އެއްވުމުގެ ކޮންޓެންޓާއި ގުޅޭ މައްސަލަ އެއް ބެލުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެ ކޮމިޝަނުން ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުން އެ މައްސަލަ ބެލުމަށް ބްރޯޑްކޮމް އިން ނިންމާފައި ވަނީ 16 މާރޗް 2025ގައެވެ.
އެ ސިޓީގައި ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި ޚިލާފު ކޮންޓެންޓްތައް އެ މުޒާހަރާގެ ތެރެއިން ދައްކާފައިވާ ކަމަށް ބުނެފައިވެއެވެ. އެ ގޮތުން ކޮންޓެންޓަކީ މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާފަދަ އިއްޒަތާއި ގަދަރަށް އުނިކަން ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓް ނުކުރުމުގެ ހަމަ އާއި، ކުޑަކުދިންގެ ކަރާމާތާއި ހައްގުތަކަށް ރައްކާތެރިވާ ގޮތަށް ބްރޯޑްކާސްޓްކުރުން އަދި ބްރޯޑްކާސްޓްކުރުމުގައި ކުޑަކުދިން ހިމާޔަތް ކުރުމަށް އަމަލު ކުރަންވީ ގައިޑްލައިންގެ ހަތަރު ވަނަ ހަމައިގެ (ނ) އާއި ޚިލާފު ކޮންޓެންޓެއް ކަމަށް އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
ބްރޯޑްކޮމް އިން ފާހަގަކޮށްފައިވާ ކޮންޓެންޓަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދަރިފުޅު ވޭޕް ބޭނުންކުރާ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ދައްކާފައިވާ ވާހަކަ ހިމެނޭ ކޮންޓެންޓެވެ. އޭނާ ވަނީ އެ މުޒާހަރާގައި ވާހަކަދައްކަމުން "ދިވެހި ޒުވާނުންނަށް ބިޑި އޮޅަން ޖެއްސީ، ސާޖިދާގެ ދަރިފުޅު ވޭޕް ބޯން ފެއްޓީމައޭ" ކަމަށް ފާހަގަކުރައްވާ މަންދީ ވަނީ ވާހަކަދައްކަވާފައެވެ.
މަންދީގެ ވާހަކައިގައި ހިމެނޭ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި ޚިލާފު ކޮންޓެންޓެއް ކަމަށް ފާހަގަކޮށް އެކަމަށް ޖަވާބުދާރީވުމަށް ރާއްޖެޓީވީ އަށް ވަނީ ފުރުސަތު ދީފައެވެ. ބްރޯޑްކޮމް އިން ފުރުސަތު ދީފައި ވަނީ މި މައްސަލަ އާއި ގުޅިގެން ލިޔުމުން ޖަވާބުދާރީވުމަށެވެ. އެގޮތުން 8 އެޕްރީލްވާ އަންގާރަ ދުވަހުގެ 14:00ގެ ނިޔަލަށް އެ މައްސަލަ އަށް ޖަވާބުދާރީވުމަށް ރާއްޖެޓީވީ އަށް ވަނީ އަންގާފައެވެ.
މީގެ އެ މުއްދަތުގައި ޖަވާބުދާރީވުމަށް އުޒުރުވެރިވާ ނަމަ އެކަން ބަޔާންކޮށް އިތުރު ފުރުސަތަކަށް އެދުމަށް ވެސް ބްރޯޑްކޮމް އިން ވަނީ އެދިފައެވެ. ޖަވާބުދާރީވާން ދިން މުއްދަތުގައި ބްރޯޑްކާސްޓިން ކޮމިޝަނަށް ޖަވާބުދާރީ ނުވެއްޖެ ނަމަ ތަހުގީގަށް ލިބިފައިވާ ލިޔުންތަކުގެ އަލީގައި މައްސަލަ ބަލާނެ ކަމަށް އެ ކޮމިޝަނުން ވަނީ ރާއްޖެޓީވީ އަށް އަންގާފައެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދަރިންގެ އަބުރު ނަގާލާ ކަމަށް ބުނެ މަރިޔަމް ޒުބައިރު (މަންދީ) އާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އިތުރުން އެ ޕާޓީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް އަށް މަދަނީ ދައުވާ ކުރުމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ނިންމަވާފައިވާ އިރު ފުލުހުން ދަނީ މިކަމާއި ގުޅުން ހުރި ޖިނާއީ މައްސަލަ އެއް ވެސް ބަލަމުންނެވެ.