އިސްރާއީލްގެ އެތެރޭގެ ސަލާމަތީ އިދާރާ، ޝިން ބެޓްގެ އިސްވެރިޔާ ރޯނެން ބާރް ވަޒީފާ އިން ވަކި ކުރަން ހުށަހަޅުއްވާނެ ކަމަށް، އެ ޤައުމުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
ނަތަންޔާހޫ ދެއްވި ވީޑިއޯ ބަޔާނެއްގައި ވިދާޅުވީ، ރޯނެން ބާރް ވަޒީފާ އިން ވަކި ކުރުމަށް މި ހަފުތާގެ ތެރޭގައި ސަރުކާރަށް ހުށަހަޅުއްވާނެ ކަމަށެވެ.
ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވީ، ދިގު މުއްދަތެއް ވަންދެން ބާރުގެ މައްޗަށް އިތުބާރު ގެއްލިފައިވާ ކަމަށެވެ. ޚާއްޞަކޮށް ހަނގުރާމައިގެ ދަނޑިވަޅެއްގައި ސަލާމަތީ އިދާރާގެ އިސްވެރިޔާގެ މައްޗަށް އިތުބާރު އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ނިންމެވުމާ މެދު ޝިން ބެޓް އަދި އެ ބާރުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.
ހަމާސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ނަތަންޔާހޫ އާއި ބާރުގެ ގުޅުން ދަށްވެފައިވާ ކަމަށް އިސްރާއީލްގެ މީޑިއާތަކުން އޭރު ދިޔައީ ރިޕޯޓު ކުރަމުންނެވެ.
ހަނގުރާމަ ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސް އިން ދިން ހަމަލާއަކާ ގުޅިގެންނެވެ.
އެއީ އިސްރާއީލްގެ ތާރީޚު ގައި ބޮޑު ސަލާމަތީ ފޭލިއަރެއްގެ ގޮތުގައި ބެލެވުނު ޙަމަލާއެކެވެ. އެ ޙަމަލާގައި 1,200 މީހުން މަރުވެ، 251 މީހުން ރަހީނުންގެ ގޮތުގައި ޣައްޒާ އަށް ގެންދެވުނެވެ.
ޝިން ބެޓް މިހާރު ދަނީ، ބޮޑުވަޒީރުގެ އޮފީހުގެ މުވައްޒަފުންނާއި، ހަމާސް އާއި އިސްރާއީލްއާ ދެމެދު މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ޤަތަރާ ދެމެދު ގުޅުމެއް އޮތްތޯ ބަލަމުންނެވެ.