ކ. މާލެ
|
14 މާރޗް 2025 | ހުކުރު 11:10
(ކ) ކޮވިޑް ތެރޭގައި ޕީޕީއެމް މުޒާހަރާ ކުރި އިރު ފުލުހެއްގެ ގަޔަށް ކުޅު ޖަހާފައި، (ވ) މުޒާހަރާގެ ތެރެއިން ފުލުހުން އަންހެނުން ކޮއްޕާ ފަހަތަށް ޖައްސާ މަންޒަރު
(ކ) ކޮވިޑް ތެރޭގައި ޕީޕީއެމް މުޒާހަރާ ކުރި އިރު ފުލުހެއްގެ ގަޔަށް ކުޅު ޖަހާފައި، (ވ) މުޒާހަރާގެ ތެރެއިން ފުލުހުން އަންހެނުން ކޮއްޕާ ފަހަތަށް ޖައްސާ މަންޒަރު
ރާއްޖެއެމްވީ
ފުލުހުން އަނިޔާ
ކޮވިޑްގެ ހާލަތުގައި ނުކުމެ ފުލުހުން ގަޔަށް ކުޅު ޖެހި މީހުން، މިއަދު ނުރައްކަލުގެ ވާހަކަ ދައްކަން ލަދެއް ނުގަނޭތޯ؟
މުޒާހަރާތަކުގެ ސަަބަބުން، އަމާންކަން ގެއްލޭ ކަމަށް ބުނެ ފަހަރަކު މީހެއް ފަތިވަރަކަށް ފުލުހަށް ހާޒިރު ކުރާ އިރު ހަގީގަތަކީ އަމަން ނަގާލީ، އާއްމުންގެ ހައްގުތައް ކާލި ވެރިންނެވެ.

މާކަ ދުރު ހަނދާނެއް ނޫނެވެ. މީގެ 5 ވަރަކަށް އަހަރު ކުރިން މުޅި ރާއްޖެ ކޮވިޑްގެ އާލަމީ ވަބާގެ ނުރައްކާތެރިކަމުގައި އޮތް ދުވަސްވަރެވެ. މާސްކް އަޅައިގެން ނުކުމެ ކޮންމެ ރެއަކު އަމިއްލަ ސަލާމަތާއި އެހެން މިހުންގެ ސަލާމަތް ނުރައްކަލަށް ލީ ހަނދާން އަދި ދިވެހިންގެ ހަނދާނުގައި ހުންނާނެއެވެ.

އޭރު އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ފަރާތުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުންގެ ގަޔަށް ކުޅު ޖެހި ހަނދާން ދިވެހި ފުލުހުން ނެތޭހާ ދުވަހެއް އަދި އެއް ނުވެއެވެ. ކުޅުގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބައްޔެއް ފެތުރެމުންދިޔަ ދަނޑިވަޅެއްގައި މިއަށް ވުރެން ވަކި ނުރައްކާތެރި އަމަލެއް އޮންނާނެތޯއެވެ. މީހުންނާއި ބައްދަލުވެ، އެކުވެ ނޫޅުމަށް ކަމާއި ބެހޭ އިދާރާތަކުން ތަކުރާރުކޮށް ކުރި އިލްތިމާސް ބޮލާލާ ޖަހާ އޭރު ޕީޕީއެމް އިން އައީ ކޮންމެ ރެއަކު މުޒާހަރާކުރަމުންނެވެ.

އެއީ އާއްމުންވެސް، ފުލުހުން ވެސް ނުރައްކަލަށް ވައްޓާލުން ނޫންތޯއެވެ؟ މިއަދު ވެރިކަމުގައި އެ ހުންނެވީ މި ދެންނެވި ފިކުރުގެ މީހެކެވެ. މިއަދު މުޒާހަރާ ކުރުމުގެ ހައްގަށް ފައިން އަރާ މުޒާހަރާކުރަމުންދާ މީހުންނަކީ ބިރުވެރިކަން އުފައްދާ މީހުން ކަމަށް މި ސަރުކާރުގެ އިސް ވެރިން ބުނާ އިރު، އޭރު ތިމާމެންގެ އަމަލުތައް ހުރި ގޮތާއި ތިމާމެންގެ ފަސްބައިގައި ހުރި ކިސަޑު ބަލާލުން ރަނގަޅުކަމަށް ފެނެއެވެ.

އެއީ އެ ދުވަހުގެ ވާހަކައެވެ. މިއަދު ހައްގުތައް ހޯދަން މުޒާހަރާ ކުރަން ނުކުތުމުން އަމަލުކުރާ ގޮތް ނިކަން ބައްލަވާށެވެ. ސުލްހަވެރިކަމާއި އެކު ކުރަމުންދާ މުޒާހަރާއަކަށް މުޒާހަރާގެ ބައިވެރިންގެ އަދަދާއި އެއް ވަރަށް ފުލުހުން ފޮނުވައިގެން މަސައްކަތް ކުރަނީ މުޅި މުޒާހަރާ ކައްކާލުމަށެވެ. ބޭނުން ވަނީ ތިމާމެން ބޭނުންވާ ވަކި ތަސްވީރެއް ކުރަހަންހެން ހީވާ ކަހަލައެވެ. އަދި އެ ހިސާބަކުން ނިމުނީ އެއް ނޫނެވެ.

މުޒާހަރާކޮށްގެން އާއްމުންނަށް އުނދަނގޫވެ މަގުތަކުގެ ޓްރެފިކަށް ބުރުއަރާ ކަމަށް މި ވެރިން ބުނާ އިރު ހަގީގަތަކީ މުޒާހަރާގެ ބައިވެރިން ހިނގަނީ މަގުގެ އެއް ފަޅިންނެވެ. މަގުމަތިންދާ އުޅަނދުފަހަރަށް ޖާގަ ދީގެންނެވެ. މަގު ބަންދުވަނީ އެ މަގުގައި ސަފަކަށް ފުލުހުން އަތުރާލުމުންނެވެ.

މުޒާހަރާގެ ބައިވެރިން ކޮންޓްރޯލްކުރަން ފަސޭހައަކަށް އެއް ވާނަކަށް ބެރިކޭޑް ޖަހާ މަގުތައް ބަންދުކުރަނީ ފުލުހުންނެވެ. ސުލްހަވެރިކަމާއި އެކު އަޑު އުފުލަމުންދާ މީހުން ފަހަތަށް ޖައްސަން ފަސޭހަ ކުރަން މަގުތައް ހުސްކުރަނީ ވެސް ފުލުހުންނެވެ.

އެހެންވީމަ ޓްރެފިކަށް ބުރު އަރަނީ ފުލުހުން މުޒާހަރާގެ ބައިވެރިންނަށް ފުރުސަތު ނުދޭން ޖަހާ މޮޅު ޗައްކަރުގެ ސަބަބުންނެވެ. މުޒާހަރާ އަށް އަންނަ އަންހެން ފުލުހުން މެދުވެރިކޮށް އަންހެނުން ފަހަތަށް ޖެއްސުމުގެ ބަދަލުގައި އަންހެނުން ފަހަތަށް ޖައްސަން ވެސް ތިބެނީ ގިނަ ފަހަރު ފިރިހެން ފުލުހުންނެވެ. އާއްމުންގެ ނުތަނަސްވުން އިތުރުވާ ހިސާބަކީ މިއީއެވެ.

ހުރިހާ ހަޑި އެއް ފުލުހުން ލައްވާ ހާވާފައި ފުލުހުން މެދުވެރިކޮށް އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ބިރު ވެސް ދައްކަންވީއެވެ. ޒަމާނީ ޑިމޮކްރަސީ އެއްގައި މިއީ ކިހާ ހުތު މަންޒަރެއްތޯއެވެ؟މި ހުރިހާ ކަމެއް މިހެން ކޮށްފައި ދެން މިހަދާ ވަޑާމަކީ މުޒާހަރާގައި ކިރިޔާ ހަރުކޮށް ބަހެއް ބުނެލާ މީހަކު ހުއްޓަސް އެ މީހަކު ފުލުސް އޮފީހަށް ދަމަނީއެވެ.

މުޒާހަރާތަކުގެ ސަަބަބުން، އަމާންކަން ގެއްލޭ ކަމަށް ބުނެ ފަހަރަކު މީހެއް ފަތިވަރަކަށް ފުލުހަށް ހާޒިރު ކުރާ އިރު ހަގީގަތަކީ އަމަން ނަގާލީ، އާއްމުންގެ ހައްގުތައް ކާލި ވެރިންނެވެ. ސުޕްރީމް ކޯޓަށް އަތްބާނާ ފަނޑިޔާރުގެ ކުރުގަޅުވާލީ ވެސް މިވެރިންނެވެ. މިނިވަން މުއައްސަސާތައް ތިމާމެން ބޭނުން ގޮތަކަށް ފަހާ ހެޔޮވަރު ކުރީ ވެސް މި ވެރިންނެވެ. ދޭން ބުނި ފްލެޓްތައް ނުދީ އާއްމުން މަގުމައްޗަށް ނެރުނީ ވެސް ހަމަ މި ގައުމުގެ ވެރިންނެވެ. ޓެކްސީ ޑްރައިވަރުންގެ ވިޔަފާރި ތެރެއަށް ވަދެ ހިންދެމިލަން އުޅެނީ ވެސް ހަމަ މި ވެރިންނެވެ. ދޭން ބުނި ފްލެޓާއި ގޯތިތައް ނުދީ އާއްމުން ގަނަތަޅުވަނީ ވެސް ހަމަ މި މީހުންނެވެ. އެ ވަރުން ވެސް ހަމަޖެހުން ގެއްލެނީ އާއްމު މީހާގެ ފަރާތުންތޯ؟ ކޮވިޑްގެ ހާލަތުގައި ނުކުމެ ފުލުހުން ގަޔަށް ކުޅު ޖެހި މީހުން، މިއަދު ނުރައްކަލުގެ ވާހަކަ ދައްކަން ލަދެއް ނުގަނޭތޯ؟

- ކޮމެންޓް