ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިދިކޮޅު މެންބަރުންނަށް އިންޒާރުދީ ހަމަލާ ދެމުން ދަނީ މަޖިލީހަށް ވަދެ ތިބެ އެސްޕީޖީގެ ސިފައިންގެ އެހީތެރިކަން ލިބިގެން ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.
ގުޅިފައިވާ ޕާޓީތަކުން ބުދަ ދުވަހު ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް މަޖިލީހުގައި ހުންނަވަނިކޮށް ސަރުކާރަށް ނިސްބަތްވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ވަނީ އާޒިމަށް ހަމަލާދީ މާރާމާރީ ހިންގައި އޭނާ އަށާއި އޭނާގެ ޢާއިލާއަށް މަރުގެ އިންޒާރުދީ މަގުމަތިންނާއި ގެއަށް ގޮސް އަނިޔާ ކުރާނެ ކަމަށް ބުނެ ބިރު ދައްކައި އިންޒާރު ދީފައި ކަމަށެވެ.
ގުޅިފައިވާ ޕާޓީތަކުން ބުނީ ރައީސް ޔާމީން އިސްވެ ހުންނަވަައިގެން ސަރުކާރު މެދުވެރިކޮށް ހިންގަމުން ގެންދާ ރޭވުމުން ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ ގުޅިފައިވާ ޕާޓިތަކުގެ މެންބަރުންނަށް ލިބެމުންދާ މިފަދަ އަނިޔާތަކާއި އެމެންބަރުންގެ ޤާނޫނީ ވާޖިބަށް ހުރަސްއަޅައި ސަރުކާރަށް ނިސްބަތްވާ މެންބަރުން ކުރަމުންދާ ހައްދު ފަހަނައަޅާފައިވާ އަނިޔާވެރި ޢަމަލްތައް ކުރަމުން ގެންދަނީ، މޯލްޑިވްސް ޑިފެންސް ފޯސްގެ ސްޕެޝަލް ޕްރޮޓެކްޝަން (އެސްޕީޖީ) ސިފައިންގެ ރައްކާތެރިކަން ލިބިގެން ކަމަށެވެ. އަދި ސަރުކާރަށް ނިސްބަތްވާ މެންބަރުން ކުރަމުން ގެންދާ ޣައިރު ޤާނޫނީ ޢަމަލްތައް ހުއްޓުވުމަށް އެސްޕީޖީން އެއްވެސް މަސައްކަތެއް ކޮށްފައިނުވާހިނދު ގުޅިފައިވާ ޕާޓީތަކުން ރައްޔިތުންގެ ހައްޤުގައި ކުރަމުންދާ މަސައްކަތަށް އެސްޕީޖީން ހުރަސްއަޅަމުން ގެންދާތީ ދިވެހި ސިފައިންގެ އެ ޢަމަލް ކުށްވެރިކޮށް އެމައްސަލަ ކަމާބެހޭ ދައުލަތުގެ އެންމެހާ ފަރާތްތަކުން ބަލައިދިނުމަށް އިލްތިމާސް ކުރާ ކަމަށްވެސް އެޕާޓީތަކުން ވަނީ ގޮވާލާފައެވެ.
ގުޅިފައިވާ ޕާޓީތަކުން ބުނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް 44 މެންބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ ޤަވާއިދާ ޚިލާފަށް މަޖިލީހުގެ ޖަލްސާތައް މިހާރު ކުރިއަށް ގެންދަވަނީ ޤާނޫނު އަސާސީ އާއި މަޖިލީހުގެ ޤަވައިދާ ޚިލާފަށް ފުވައްމުލަކު ދެކުނުދާއިރާގެ މެންބަރު ޢަބްދުﷲ މަސީހު މުހައްމަދު ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ބުނެ، އެސްޕީޖީގެ ސިފައިންގެ ބާރުގެ ބޭނުން ކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މެންބަރުން ކަމުގައިވާ ސަރުކާރާއި އިދިކޮޅު މެންބަރުންނަށް ގަސްދުގައި އަނިޔާ ދިނުމަށް މަގުފަހިވާ ގޮތަށް އަމަލު ކުރާ ކަމަށް ބުނެފައިވެއެވެ. އަދި އެގޮތުން މަޖިލީހުގައި މިހާރު ހިންގަމުން ގެންދާ އަނިޔާވެރި ޢަމަލްތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް ގުޅިފައިވާ ޕާޓީތަކުން ވަނީ ބުނެފައެވެ.