އިންޑިޔާގެ ރިސާޗް އެންޑް އިންފޯމޭޝަން ސިސްޓަމް ފޯ ޑިވެލޮޕިން ކަންޓްރީޒް އިން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ ”ސައުތު ސައުތު އެންޑް ޓްރޭންގިއުލާ ކޯޕަރޭޝަން“ ގެ ނިންމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި އޯގަސްޓު 25 ގައި އިންޑިޔާގެ ވެރިކަން ކުރާ ދިއްލީގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ތަޤުރީރު ކުރައްވަން ހަމަޖެހިއްޖެއެވެ.
ރައީސް ނަޝިދުގެ ތަޤުރީރުގައި އިންޑިޔާ ކަނޑުގެ ހަމަޖެހުމާ، މޫސުމަށް އަންނަ ބަދަލުތަކާ، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވައި ޥާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.
ދުނިޔޭގެ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ގުޅުމާއި، އިޤްތިޞާދީ ކުރިއެރުމާ ގުޅޭ ގޮތުން ދިއްލީގައި އޮންނަ މި ކޮންފަރެންސްގައި ދުނިޔޭގެ 40 ޤައުމަކުން ބައިވެރިވެއެވެ. މި ކޮންފަރެންސްގައި ދުނިޔޭގެ މަޝްހޫރު ޢިލްމުވެރިންނާއި، ތަރައްޤީއާ ގުޅޭ މަސައްކަތްތަކުގައި ޙަރަކާތްތެރިވާ ފަރާތްތައްވެސް ބައިވެރިވެވަޑައިގަންނަވައެވެ. މި ކޮންފަރެންސްގައި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް، ހާއްސަކޮށް، ޤައުމުތަކުގެ ސިޔާސީ، އިޤްތިޞާދީ އަދި ތިމާވެށީގެ މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޮންފަރެންސްގެ ނިންމުމުގެ ރަސްމިއްޔާތުގެ އިތުރުން އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ (މަލްޓިލެޓަރަލް އިކޮނޮމިކް ރިލޭޝަންސް) ދެއްވާ ފަރިއްކޮޅާއި ރިސާޗް އެންޑް އިންފޯމޭޝަން ސިސްޓަމް ފޯ ޑިވެލޮޕިން ކަންޓްރީސްގެ ޗެއާޕާސަން އެމްބެސެޑާރ ހަރްދީޕް ޕޫރީގެ ދެއްވާ ފަރިއްކޮޅެއްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުޥާއެއް ސާބިތުކޮށް، 13 އަހަރަށް ޖަލަށް ލުމަށް ފަހު، އެމަނިކުފާނަށް އިނގިރޭސިވިލާތުން ހިމާޔަތް ދީފައިވާއިރު، މިއީ އެމަނިކުފާނު އިނގިރޭސިވިލާތަށް ވަޑައިގަތް ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.