އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންއާ ބައްދަލު ކުރައްވައިފި އެވެ.
ރޫބިއޯ، ސައުދީގެ ވަލީ އަހުދާ ބައްދަލު ކުރައްވާފައި ވަނީ ޔުކްރެއިންގެ ވަފުދާ އެކު ބާއްވާ ބައްދަލުވުމުގެ ކުރިން، ހޯމަ ދުވަހުގެ ވަގުތެއްގައި ޖިއްދާގަ އެވެ.
ޖިއްދާ އަށް ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރޫބިއޯ ވިދާޅުވީ، ޔުކްރެއިންގެ ވަފުދާއެކު ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަކީ އުންމީދީ ބައްދަލުވުމަކަށް ވާނެ ކަމަށެވެ.
ނަމަވެސް މައުދަނުގެ ވިޔަފާރީގެ މުއާމަލާތްތަކާ ގުޅޭ ގޮތުން އެމެރިކާ އާއި ޔުކްރެއިންއާ ދެމެދު ކުރިއަށް ގެންދެވޭ މަޝްވަރާތަކުގައި އިތުރު ކަންކަން ހައްލުކުރަން ހުރި ކަމަށް ރޫބިއޯ ފާހަގަ ކުރެއްވި އެވެ.
ޔުކްރެއިންގެ އިސް ވަފުދާއެކު އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކް ވޯލްޓްޒް ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ޔުކްރެއިންގެ ސަރުކާރުގެ މަޤުސަދު އޮޅުން ފިލުވައި، އެ ޤައުމުން ކޮށްފާނެ ކަމަށް ބެލެވޭ ޑިމާންޑުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މި ބައްދަލުވުން މުހިންމު ކަމަށް ރޫބިއޯ ވިދާޅުވި އެވެ.