މާލޭ ދެކުނު ފަރާތު އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދާ ދިމާލުގައި އަލަށް ކެނޑި ނެރު މައްޗަށް ލޯންޗެއް އޮޅާލައި 3 މީހަކަށް އަނިޔާވެއްޖެއެވެ.
މިއަދު ހަވީރު އެސަރަހައްދަށް އުޅަނދު ރާޅާ އޮޅާލި މީ ދެވަނަ ފަހަރެވެ. ހަވީރު 5:50 ހާއިރު ލޯންޗް ބަންޑުން ޖަހާލިއިރު އޭގެ ކުރިން ވަނީ ދެމީހަކާ އެކު ދަތުރުކުރި ޑިންގީއެއްވެސް ބަންޑުން ޖަހާލާފައެވެ.
ފުލުހުން ބުނީ ލޯންޗުން ދަތުރުކުރި 3 މީހުންވެސް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށާއި އެމީހުންނަށް ލިބުނު އަނިޔާގެ އިތުރު ތަފްސީލް އަދި ހާމަ ކުރެވެން ނެތް ކަމަށެވެ. ނަމަވެސް ފުލުހުން މައްސަލަ ބަލަމުންދާ ކަމަށާއި އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.
ޑިންގީން ދަތުރުކުރި ދެމީހުންގެ ތެރެއިން އެކަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފުލުހުން ބުނީ އޭނާއާ ބެހޭ މައުލޫމާތު ވެސް އަދި ހާމަކުރެވޭވަރު ނުވާ ކަމަށެވެ.
ބަންޑުން ޖަހާލާފައިވަނީ ކޮންތަނެއްގެ ލޯންޗެއްކަމެއް އަދި އެނގިފައެއް ނުވެއެވެ.
ދެކުނު ފަރާތު ނެރުން ވަދެ ނުކުމެ އުޅުމުގެ ތެރޭގައި އެފަދަ ނުރައްކާތެރި ގިނަ ޙާދިސާތަކެއް ދަނީ ހިނގަމުންނެވެ.