ޖުމްހޫރީ ޕާޓީގެ ދިދައާއި ލޯގޯ ބޭނުން ނުކުރަން އެންގި މައްސަލާގައި އެ ޕާޓީން ކުރި ދައުވާ ސިވިލް ކޯޓުން ބޭރު ކޮށްލައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުން ކުރުން މިދިޔަ ޖޫން މަހު އިލެކްޝަންސް ކޮމިޝަނުން މަނާ ކުރީ އެ ޕާޓީގެ ދިދަ އާއި ލޯގޯ އިން ރައީސުލް ޖުމްހޫރިއްޔާގެ ދިދަ ރަމްޒުކޮށްދޭ ކަމަށް ބުނެ އެވެ.
ޖުމްހޫރީ ޕާޓީން ކޮށްފައިވާ އެ ދައުވާ ބޭރުކޮށްލާފައި ވަނީ މިމަހުގެ 13 ވަަނަ ދުވަހު އެމައްސަލަ އާއި ގުޅިގެން ބޭއްވި އަޑުއެހުމަށް އެޕާޓީން ހާޒިރު ނުވުމުންނެވެ.
ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން މީގެ ކުރިން ވެސް ދައުވާ ކުރާ ފަރާތުން ކޯޓަށް ހާޒިރު ނުވުމުން ދައުވާތައް ކޯޓުން ބޭރު ކޮށްލާފައިވެއެވެ.
ޖޭޕީގެ ދިދަ އާއި ނިޝާން ބޭނުން ކުރުން ހުއްޓާލަން އަންގާފައި ވަނީ އަލަށް އަމަލު ކުރަން ފެށި ދިވެހި ގައުމީ ދިދަ ބޭނުން ކުރުމާ ގުޅޭ އުސޫލުގެ މަތިންނެވެ.
ދިވެހި ގައުމީ ދިދަ ބޭނުން ކުރުމާ ގުޅޭ އުސޫލުގެ 10 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ރައީސްގެ ދިދަކޮޅު ހުންނާނީ ގައުމީ ދިދައިގެ ހަނދުފަޅިގެ އެތެރެއަށްވާ ގޮތަށް ފަސް ފިޔައިގެ ތަރިއެއް ހިމެނޭ ގޮތަށެވެ. ހަމަ އެ މާއްދާގައި ބުނެފައިވާ ގޮތުގައި އެއީ ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަ ދިދަކޮޅެކެވެ. އެ ދިދަކޮޅު ނުވަތަ އެ ދިދަކޮޅާ
ވައްތަރު ނުވަތަ އެއްގޮތް ދިދައެއް ނުވަތަ ނިޝާނެއް ވެސް އެހެން އެއްވެސް ފަރާތަކަށް ބޭނުން ނުކުރެވޭނެއެވެ.