މެޑިޓަރޭނިއަން ސަރަޙައްދުގައި އާންމު ރައްޔިތުންތަކެއް މަރާލި މައްސަލަ ބަލާނެ ކަމަށް ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާއު ވިދާޅުއްޖެ އެވެ.
ސީރިއާގެ ރައީސް އަހްމަދް އަލް-ޝަރާއު އާދީއްތަ ދުވަހު ވިދާޅުވީ، މެޑިޓަރޭނިއަން ސަރަޙައްދުގައި ހިނގި މާރާމާރީގައި އާންމު ރައްޔިތުންނަށް ގެއްލުން ދިން ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ސަރުކާރުގެ ނޫސް އެޖެންސީ ސާނާގައި ޝާއިޢުކުރި ވީޑިއޯއެއްގައި ރައީސް ވިދާޅުވީ، އާންމުންގެ ލޭ އޮހޮރުވުމުގައި ބައިވެރިވި ނުވަތަ ދައުލަތުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރި ކޮންމެ މީހަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށާއި، އެކަމުގައި އެއްވެސް ލުޔެއް ދިނުމެއް ނޯންނާނެ ކަމަށެވެ.
އަދި މަދަނީ އަމާންކަން ރައްކާތެރި ކުރުމަށް ކޮމިޓީއެއް އުފައްދަވާނެ ކަމަށް ވެސް ޝަރާއު ވިދާޅުވި އެވެ. ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނާ ގޮތުގައި، ލަޒިކިއާ އަދި ޓާޓަސް ޕްރޮވިންސްތަކު ގައި ސެކިއުރިޓީ ބާރުތަކުން ނުވަތަ ސަރުކާރަށް ތާއީދުކުރާ ހަނގުރާމަވެރިން 830 އާންމުން މަރާލާފައިވާ ކަމަށެވެ.
އެ ސަރަޙައްދަކީ މީގެ ދުވަސް ކޮޅެއް ކުރިން ވެރިކަމުން ވައްޓާލެވުނު ކުރީގެ ރައީސް، ބައްޝާރު އަލް-އައްސަދުގެ މައިނޯރިޓީ ކޮމިއުނިޓީގެ މައި ސަރަހައްދެއްގެ ގޮތުގައި ސިފަ ކުރެވޭ ސަރަހައްދެކެވެ.
މި މާރާމާރީތަކާ ގުޅިގެން ޔޫއެން، އެމެރިކާ، ބްރިޓެން އަދި އެހެނިހެން ގައުމުތަކުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. ޔޫއެންގެ އިންސާނީ ޙައްޤުތަކުގެ ވެރިޔާ ވޯކަރ ޓަރކް ވިދާޅުވީ މި މަރުތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ.
ބުރާސްފަތި ދުވަހު ހިނގި މި ހަމަލާތަކުގައި ސެކިއުރިޓީ ބާރުތަކުގެ 231 މީހުންނާއި، ކުރީގެ ސަރުކާރަށް ތާއީދުކުރާ 250 ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް އޮބްޒަވޭޓަރީން ބުނެ އެވެ.
މިހާތަނަށް ޖުމްލަ 1,311 މީހުން މަރުވެފައިވާ ކަމަށް އެކި އެކި މަސްދަރުތަކުން ވަނީ ހާމަކޮށްފަ އެވެ.