އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުުވާތަކުގެ ލިޔުންތައް ހަވާލު ކުރުމަށް ކޯޓަށް ކިޔަން ފަށައިފި އެވެ.
ފުލުހުން ސަފުތައް ފަޅާލައި، ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ މައްޗަށް ކޮށްފައިވަނީ ގާނޫނު ތަންފީޒް ކުރާ މުވައްޒަފުންގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ. އެ ދައުވާ ކޮށްފައިވަނީ ގާނޫނުލް އުގޫބާތުގެ 532 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުންނެވެ.
މިއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި މި ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.
ދައުވާކޮށްފައިވާ 12 މެންބަރުންނަކީ:
- ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު
- ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު
- ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް(ވައްޑެ)
- ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ
- ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
- ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން
- ހެންވޭރު ދެކުނު މުހައްމަދު އަބްދުލް ކަރީމް(ރުކުމާ)
- މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު
- ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް
- މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު
- ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން
- ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު
މި މެންބަރުންގެ ތެރެއިން، ސައުދުއާއި ވައްޑެގެ އިތުރުން އަމީތުގެ މައްޗަށް ވަނީ އިތުރު ދައުވާއެއް ވެސް ކޮށްފަ އެވެ. އެގޮތުން، މެންބަރުން ނޫން ކަމަށް ކަނޑައަޅާފައިވަނިކޮށް، މަޖިލީހަށް ވަދެވަޑައިގެންނެވި ކަމަށް ބުނެ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ.
އެ ދައުވާކޮށްފައި ވަނީ، ގާނޫނުލް އުގޫބާތުގެ 230 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ އެއްވަނަ ނަމްބަރުގެ ދަށުންނެވެ. އެއީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އާސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މައްސަލަައިގެ އިބްތިދާއީ އަޑުއެހުން ބޭއްވުމުގެ ކުރިން ލިޔެކިޔުންތައް ހަވާލު ކުރަންޖެހެ އެވެ. އެގޮތުގެ މަތިން މިހާތަނަށް ގިނަ އަދަދެއްގެ މެންބަރުންނަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ވަނީ ފޮނުވާފަ އެވެ. އެ އަމުރުގައިވާ ގޮތުން ލިޔުންތަކާ ހަވާލުވުމަށް ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ކޯޓަށް ހާޒިރުވާންޖެހެ އެވެ.
މެންބަރުންގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތަކީ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލިސް އިދާރާ ހިމެނޭ ސަރަހައްދު ބަންދު ކޮށްފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލިސް އިދާރާއަށް ވަންކަމުގެ ތުހުމަތެވެ. ފުލުހުން ހިންގާފައިވާ ތަހުގީގަށް މި ހުރިހާ މެންބަރުން ވެސް ފުލުހުން އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާން ނަގާފައިވެއެވެ.
މެންބަރުން ބުނަމުން ދަނީ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ވަނުމަށް އެއްވެސް ފަރާތަކަށް މަނާ ނުކުރެވޭނެ ކަމަށާއި އަދި ފުލުހުންނަށް އެ ތުހުމަތު ކުރެވިދާނެ ކަމަށް ވެސް ގަބޫލު ނުކުރާ ކަމަށެވެ.
ޖުލައި މަހުގެ 24 ވަނަ ދުވަހު މެންބަރުންތައް މަޖިލީހަށް ވަނުމާއެކު ފުލުހުންނާއި ސިފައިން ވަދެ މެންބަރުންތައް ވަނީ ނެެރެފަ އެވެ. މިއި ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެގޮތަށް ސިފައިންނާއި ފުލުހުން ވަދެ މެންބަރުން ނެރުނު ފުރަތަމަ ފަހަރެވެ.