ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އާއި ގުޅިވަޑައިގެން ސުޕްރީމް ކޯޓުގައި ތަޅު އަޅުވާފައި ނުކުމެ އޭޖީ ދައްކާ ވާހަކައިގެ އެއްވެސް ބަރުދަނެއް ހުންނާނެ ކަމަށް މިހާރު ޤަބޫލު ނުކުރައްވާ ކަމަށް ޤާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ސުޕްރީމް ކޯޓުން ކުރި އަމުރަކާ ޚިލާފުވެ، ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ބުނެ، އެޓާނީ ޖެނެރަލް އުޝާމަށް ފިޔަވަޅު އަޅައިދޭން އެދި ސުޕްރީމް ކޯޓަށް އަލީ ހުސެއިން ވަނީ ބުރާސްފަތި ދުވަހު ސިޓީ އެއް ހުށަހަޅުއްވާފައެވެ.
އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހަށް މެމްބަރަކު އިންތިޚާބުވާ ޕާޓީ ބަދަލުކުރުމުން، ނުވަތަ އެ ޕާޓީން ވަކިވުމުން މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީ އަށް އިސްލާހު ގެނައި މައްސަލައިގައި ޖަވާބުދާރީވުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ސުޕްރީމް ކޯޓުން ދިން މުއްދަތުގައި، އެ ކޯޓަށް ޖަވާބުދާރީ ވެވަޑައިގަންނަވާފައި ވާނެ ކަމަށް ބަންޑާރަނައިބު، އަހުމަދު އުޝާމް ވަނީ ވިދާޅުވެފައެވެ. އުޝާމް އެފަދައިން ވިދާޅުވީ ސުޕްރީމް ކޯޓުން ޖަވާބުދާރީ ވާން ދިން މުއްދަތު ހަމަވާނީ ބަންދު ދުވަސްތައް ހިމަނައިގެން ކަމަށް ކަނޑައެޅުއްވުމަށް ފަހުގައެވެ.
އެކަމާއި ގުޅިގެން ރާއްޖެ އެމްވީ އަށް ދެއްވި ބަސްތީގަތުމެއްގައި ވާހަކަދައްކަވަމުން، ހުރިހާ ގޮތަކުން ބެލިއަސް ނިމިދިޔަ ބުރާސްފަތި ދުވަހަށް ސުޕްރީމް ކޯޓުން ދިން މުއްދަތު ހަމަވާ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ. ސުޕްރީމް ކޯޓުން އޭޖީ އޮފީހަށް ޖަވާބުދާރީ ވާން ދިން މުއްދަތު ބުރާސްފަތި ދުވަހުގެ ރަސްމީ ގަޑި އަށް ހަމަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މާލޭގައި ފެން ބޮޑުވުމާއި ގުޅިގެން މިދިޔަ ހަފްތާގެ ތެރޭގައި އެއް ދުވަސް ސަރުކާރު ބަންދު ކުރި ނަމަވެސް އެ ދުވަހަކީ އެއީ ކަލަންޑަރުގައި ބަންދު ދުވަހެއްގެ ގޮތުގައި ނުހިމެނޭކަން އަލީ ހުސެއިން ވަނީ ފާހަގަކުރައްވާފައެވެ. އެހެންވީމަ އެ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ނު ގުނޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އަމުދުން އޭޖީ އެ ޒާތުގެ ކަމެއް ކުރެއްވުމަކީ ވަރަށް ޒިންމާދާރުކަމެއް ނެތް ކަމެއް ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވެސް ކޯޓަށް އޭޖީ ޖަވާބުދާރީ ވެވަޑައިގެންފައި ނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ސުޕްރީމް ކޯޓުން ޕްރެކްޓިސް ގައިޑް ލައިން ބުނާ ގޮތުން، ޖަވާބުދާރީ ވުމަށް ދޭ މުއްދަތު 7 ދުވަހަށް ވުރެ އިތުރުވާ ނަމަ އެ ހާލަތުގައި ރަސްމީ ބަންދު ދުވަސްތައް ހިމަނަން ނުޖެހޭކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ އުސޫލާއި އެއްގޮތަށް ބަލާ އިރު، އެޓާނީ ޖެނެރަލް އަށް ދިން މުއްދަތުގެ ތެރޭގައި ޖަވާބުދާރީ ވެފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ހުސެއިން ވިދާޅުވީ އެ ނޫން ގޮތަކަށް އޭޖީ އުޝާމް އަމަލުކުރައްވާފާނެ ކަމަށް އުއްމީދު ވެސް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބެއް ކަމަށް އަލީ ހުސެއިން ފާހަގަކުރެއްވީ ސުޕްރީމް ކޯޓުގެ ބާރުތައް ފުނޑާލާ، މަސްލަހަތު ފުށު އަރާ ފަދަ ގޮތަކަށް އަމަލުކުރައްވާ ބޭފުޅަކަށް އޭޖީ އުޝާމް ވުމެވެ.
ސުޕްރީމް ކޯޓު ފުނޑާލާ، އެ މައްސަލަ ޖޭއެސްސީ އަށް ލާ. ފަނޑިޔާރުންގެ މައްސަލަ ބަލާ. ފިޔަވަޅު އަޅާ. ދެން އެ ސުޕްރީމް ކޯޓުގަ ތަޅު އަޅުވާފަ ނުކުމެ އޭޖީ ދައްކާ ވާހަކައިގެ ބުރަދަނެއް ހުންނާނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. އޭޖީ އުސޫލުގެ ތެރެއިން ކަމަށް ވިދާޅުވާ އިރު ސުޕްރީމް ކޯޓުން އޮތީ އަމަލު ކުރާނެ ގައިޑްލައިނެއް ނެރެފައި. އުޝާމް އަށް ވެސް އެނގޭ އެކަން ނުކުރެވޭކަން. އޭޖީ އަށް ވެސް އެނގޭ އެކަން.
މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން![]()
ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އުޝާމް ވިދާޅުވީ ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅި ފަރާތުން (އަލީ ހުސައިން) މި މައްސަލައިގެ މުއްދަތު ގުނަނީ ރަނގަޅަށް ނޫން ކަމަށެވެ. ބަންދު ދުވަސްތައް ނުހިމަނާ ޖަވާބުދާރީވުމަށް ތިން ދުވަހުގެ މުއްދަތެއް ދިނުމަށް އޭޖީ އޮފީހުން ސުޕްރީމް ކޯޓުގައި އެދިފައިވާނެ ކަމަށާއި ސުޕްރީމް ކޯޓުން އެ މުއްދަތު ދީފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ. އުޝާމް ޤަބޫލުކުރައްވާ ގޮތުން އެ މުއްދަތު ހަމަ ވަނީ މާރޗް 6ވާ ބުރާސްފަތި ދުވަހަށެވެ. އެހެންކަމުން ސުޕްރީމް ކޯޓަށް ޖަވާބުދާރީ ވެފައި ވަނީ ކޮން އިރަކުތޯ ސާފުކުރުމަށް ރާއްޖެއެމްވީން ސުވާލުކުރުމުން، އެ ސުވާލަށް އުޝާމް ޖަވާބުދެއްވާފަ އެއް ނުވެއެވެ.
އުޝާމް މިހެން ވިދާޅުވި ނަމަވެސް ޖަވާބުދާރީ ވާން ސުޕްރީމް ކޯޓުން ދިން މުއްދަތު ހަމަވަނީ 28 ފެބްރުއަރީ އަށް ކަމަށް އަލީ ހުސައިން އާއި މި މައްސަލައިގައި ހިމެނޭ އެހެނިހެން ޤާނޫނީ ވަކީލުން ވަނީ ވިދާޅުވެފައެވެ.