ކ. މާލެ
|
6 މާރޗް 2025 | ބުރާސްފަތި 09:41
ޤައުމީ ޓީމުން މީގެ ކުރިން ކުރިއަށް ގެންދިޔަ ފަރިތަކުރުމެއްގައި ސުޒޭން ޓީމަށް އިރުޝާދު ދެނީ
ޤައުމީ ޓީމުން މީގެ ކުރިން ކުރިއަށް ގެންދިޔަ ފަރިތަކުރުމެއްގައި ސުޒޭން ޓީމަށް އިރުޝާދު ދެނީ
އެފްއޭއެމް
އެފްއޭއެމް
ކުރިއަށް ހުރި މެޗުތަކުގައި ވެސް ޤައުމީ ޓީމަށް އިރުޝާދު ދޭނީ ސުޒޭން
އެފްއޭއެމްގެ ވަގުތު ޖެނަރަލް ސެކްރެޓަރީ މުޙައްމަދު ޝުޖާއު ވިދާޅުވީ މި މަހު ރާއްޖެ އިން ކުޅެން އޮތް ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗާއި، މި އަހަރު ފަށާ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ވެސް ޤައުމީ ޓީމަށް އިރުޝާދު ދޭނީ ސުޒޭން ކަމަށް އެފްއޭއެމް އިން ނިންމާފައިވާ ކަމަށެވެ.

ދިވެހި ރާއްޖޭގެ ސީނިއާ ޤައުމީ ފުޓުބޯޅަ ޓީމުން މިއަހަރު ކުރިއަށް ކުޅެން ހުރި މެޗުތަކުގައި ވެސް ޓީމަށް އިރުޝާދު ދޭނީ، އަލީ ސުޒޭން ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

އެންމެ ފަހުން ވެސް ރާއްޖޭގެ ޤައުމީ ޓީމަށް އިރުޝާދު ދީފައި ވަނީ ސުޒޭން އެވެ. 2023 ވަނަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން ސުޒޭން އަންނަނީ ޤައުމީ ޓީމަށް އިރުޝާދު ދެމުންނެވެ. އެއީ އޭރު ޤައުމީ ޓީމުގެ ކޯޗަކަށް ހުރި ފްރެންޗެސްކޯ މޮރިއޭރޯގެ އެއްބަސްވުން ހަމަވެ، އޭނާ ދޫކޮށްލަން އެފްއޭއެމް އިން ނިންމުމުންނެވެ. އޭރު ސުޒޭން ހުރީ ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށެވެ.

"ރާއްޖެ އެމްވީ"އާ ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ވަގުތު ޖެނަރަލް ސެކްރެޓަރީ މުޙައްމަދު ޝުޖާއު ވިދާޅުވީ މި މަހު ރާއްޖެ އިން ކުޅެން އޮތް ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގެ މެޗާއި، މި އަހަރު ފަށާ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ވެސް ޤައުމީ ޓީމަށް އިރުޝާދު ދޭނީ ސުޒޭން ކަމަށް އެފްއޭއެމް އިން ނިންމާފައިވާ ކަމަށެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން ވަރަށް އަވަހަށް ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖޭގެ ޤައުމީ ޓީމުން އެންމެ އަވަހަށް މެޗެއް ކުޅޭނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އެ މެޗުގައި ރާއްޖެ ނިކުންނާނީ އަވައްޓެރި އިންޑިއާއާ ދެކޮޅަށެވެ. އެއީ އޭޝިއަން ކަޕް ކޮލިފިކޭޝަނަަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ އިން ކުޅޭ މެޗެކެވެ.

އޭގެ ފަހުން މާޗު މަހުގެ 25 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ފިލިޕީންސްއާ ދެކޮޅަށް ކުޅޭނެ އެވެ. ދެ ވަނަ މެޗުގައި ޖޫން މަހުގެ 10 ވަނަ ދުވަހު ކުޅޭނީ އީސްޓު ޓިމޯއާ ދެކޮލަށެވެ. ތިން ވަނަ މެޗުގައި ތަޖަކިސްތާނާ ދެކޮޅަށް ނިކުންނާނީ އޮކްޓޫބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ދެ ވަނަ ލެގުގައި ތަޖަކިސްތާނާ ދެކޮޅަށް ކުޅޭނެ އެވެ. އޭގެ ފަހުން ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ދެ ވަނަ ލެގުގައި ފިލިޕީންސްއާ ދެކޮޅަށް ކުޅުމަށްފަހު، ފަހު މެޗުގައި އީސްޓު ޓިމޯއާ ދެކޮޅަށް ކުޅޭ ދެ ވަނަ ލެގު އޮތީ އަންނަ އަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހު އެވެ.

ސުޒޭން އަކީ މިވަގުތު ރާއްޖޭގައި ތިބި ކޯޗުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއް ކޯޗެވެ.

- ކޮމެންޓް