މިހާރު ކުރިއަށްދާ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ވެޓަރަންސް ލީގުގެ ދެ ވަނަ މެޗުގައި ދަ ގްރާންޑޭ އާއި މުއިވެޔޮ ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.
މާފަންނު ޓާފް ދަނޑުގައި އަންގާރަ ދުވަހުގެ ހަވީރު ގުރޫޕު ބީގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ދަ ގްރާންޑޭ އިންނެވެ. ނަމަވެސް މުއިވެޔޮ އިން ވަނީ ފަހަތުން އަރައި ލަނޑު ޖަަހައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނުއިރު، އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހެ އެވެ. ދެ ޓީމުން ވެސް މެޗުގެ ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ދަ ގްރާންޑޭ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމަށް ކުރި ހޯދައިދިނީ އިބްރާހީމް ޒަޢީމް އެވެ. އެއީ މުއިވެޔޮގެ އޭރިޔާ ތެރެއިން ދަ ގްރާންޑޭގެ ކުޅުންތެރިޔަކަށް، މުއިވެޔޮގެ ގޯލު ކީޕަރު ފައުލް ކުރުމުން ދިން ޕެނަލްޓީ އެކެވެ.
ނަމަވެސް އޭގެ ދެ މިނެޓު ފަހުން މުއިވެޔޮ އިން ވަނީ ލަނޑު ޖަހައި، މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަޙުމަދު ނިޔާޒު އެވެ. އޭގެ ފަހުން ވެސް މެޗުގައި މުއިވެޔޮ އިން ލަނޑެއް ޖެހި ނަމަވެސް، އޮފްސައިޑުގައި ހުރުމުން ރެފްރީ ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ.
މުއިވެޔޮ ޓީމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް ވެސް ކުޅުއްވަ އެވެ. މިދިޔަ އަހަރުގެ ރަމަޟާން މަހު އޮތް ވެޓަރަންސް ލީގުގައި ވެސް ނައިބު ރައީސް ވަނީ ކުޅުއްވައިފަ އެވެ.
މުބާރާތުގައި ބުދަ ދުވަހުގެ ހަވީރު އޮންނަ މެޗުގައި ބައްދަލު ކުރާނީ ގުރޫޕު އޭގެ ޒެލޮޓް އަދި ދިވެހި ސިފައިންގެ ކުލަބެވެ.