ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ އިއްޒަތްތެރި މެމްބަރު އިބްރާހިމް ޝުޖާއު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދަށް 'ބީތާ' އަށް ގޮވައިފިއެވެ.
"ފަނޑިޔާރަކު އޭނާގެ މަޤާމުން އިސްތިޢުފާ ދޭންޖެހޭގޮތް މިހާ ސާފުކޮށް ފަނޑިޔާރުންގެ ޤާނޫނުގައި އޮންނައިރު، ރައީސް ޑރ މުއިއްޒު އަށް އެޑްރެސް ކޮށް ސުޢޫދު ސިޓީ ފޮނުވުމުން ދޭހަކޮށްދެނީ މިފަނޑިޔާރުގެ ބީތާކަން؛" ޝުޖާއު އެކްސްގައި ކުރި ޕޯސްޓުގައި ވިދާޅުވިއެވެ.
އަންގާރަ ދުވަހު ވަރަށް ހެނދުނާ ސުޕްރީމު ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ރައީސް މުއިއްޒު އަށް އެޑްރެސް ކުރައްވާ ސުއޫދު ފޮނުއްވާފައިވާ ސިޓީ އެއް މީޑިއާ ގައި ވަނީ އާންމު ވެފައެވެ.
"މީނާ އަކީ ސިޔާސީ ކަންކަމުގައި ހޭކެން ބޭނުންވާ މީހެއް؛" ޝުޖާއު ވިދާޅުވިއެވެ. އޭގެ އިތުރުން ފަނޑިޔާރުގެ މުޑުދާރު ކުރި މީހެއްގެ ގޮތުގައި ވެސް ސުއޫދަށް އިޝާރާތް ކުރައްވާ މެމްބަރު ޝުޖާއު ލިޔުއްވާފައިވެއެވެ.
"...ފަނޑިޔާރުގެ މުޑުދާރުކުރީ އެމްޑީޕީ އިން މިކަހަލަ މީހުން އިސްފަނޑިޔާރުގޭގެ މަޤާމުތަކަށް ލީހިސާބުން."
ކުރިން ޔާމީން އަރިހުގައި ޕީޕީއެމްގައި ހުންނެވުމަށްފަހު، ވެރިކަން މުއިއްޒު އަށް ލިބިވަޑައިގަތުމާއެކު މުއިއްޒު ފަޅިއަށް އެރުއްވި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕް ގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ ޝުޖާއު ގެންދަވަނީ ހުސްނުއްސުއޫދު އިސްތިއުފާ ދެއްވި ޚަބަރު ހާމަވި ހިސާބުން، ސުއޫދަށް އަމާޒުކޮށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.
ޝުޖާއު ވަނީ ސުއޫދަކީ ސިޔާސީ އެކްޓިވިސްޓެއް ކަމަށް ވެސް ވިދާޅުވެފައެވެ.
"ފަނޑިޔާރުންނަށް އިހުތިޖާޖު ކުރެވޭތަ؟ ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓަށް ޕާޓީ ތަކުގެ އެކްޓިވިސްޓުން އައްޔަން ކުރީމާ، ދެން ރައްޔިތުން މި ނިޒާމަށް ކުރާ އިތުބާރު ގެއްލިދެޔޭ!" ޝުޖާއު އަންގާރަ ދުވަހު ހެނދުނު ކުރެއްވި ޕޯސްޓެއްގައި ވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަލްއުސްތާޒް ހުސްނުއްސުއޫދު އިސްތިއުފާ ދެއްވީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އާ ޚިލާފަށް ދިވެހި ރާއްޖޭގެ އަދުލު އިންސާފުގެ ބާރަށް ރައީސް މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވަމުން ގެންދަވާތީ، އެކަމަށް އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ސުއޫދު، ރައީސް މުއިއްޒު އަށް އެޑްރެސް ކުރައްވާ 4 މާޗް 2025 ގެ ތާރީޚުގައި ލިޔުއްވާފައިވާ ސިޓީގައި ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އަށް ހަވަނަ އިސްލާހު ގެނައުމުގެ ގާނޫނުން، ގާނޫނު އަސާސީގެ 73 ވަނަ މާއްދާ އަށް ގެނައި އިސްލާހަކީ، 2008 ގެ ގާނޫނުއަސާސީގެ އަސްލުތަކާ އުސޫލުތަކާ ޚިލާފު ބާތިލު އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިޚްތިސާސު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް ކޯޓުން ނިންމުމާއެކު، އެ މައްސަލަ ސުޕްރީމް ކޯޓުން ބެލުން ހުއްޓުވުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށް، ގާނޫނުއަސާސީ އާ ޚިލާފަށް މި މައްސަލަ އަށް ނުފޫޒު ފޯރުވުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރުދައްކާފައި ކަމަށް ވަނީ ވިދާޅުވެފައެވެ.