މިއަހަރުގެ ޤައުމީ އިނާމަށް 66 ފަރާތަކުން އަދި ޚާއްޞަ އިނާމަށް 54 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ގައުމީ އިނާމާއި ހާއްސަ އިނާމަށް ކުރިމަތިލީ ފަރާތްތަކުގެ ފޯމްތައް ދިރާސާކުރުމުގެ މަސައްކަތް ޤައުމީ އިނާމާބެހޭ ކޮމިޓީންނާއި ޚާއްޞަ އިނާމާބެހޭ ކޮމިޓީން މިހާރުވަނީ ފައްޓާފަ އެވެ.
ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި، ދިވެހި މުޖްތަމަޢުގެ ލާބަ އާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރީގެ އިދާރާތަކުން ދިވެހި ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކާމިޔާބީތަކުގެ އަގު ވަޒަންކޮށް، ހިތްވަރު ދިނުމުގެ މަޤްސަދުގައި ދެވޭ އިނާމެކެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަކީ، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީ އާއި، ހިތްވަރާއި، ހުނަރާއި، މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، ޢިލްމީ ގޮތުން މަތީ ވަނަތަކާއި ޝަރަފް ޙާޞިލުކުރާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލުކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކޮށް، ހިތްވަރު ދީ، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތަކާއި މަސައްކަތްތެރިކަން މިޞްރާބު ކުރުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ.
ޤައުމީ އިނާމާއި ޚާއްޞަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.