ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން، ޤައުމާ މުޚާތަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައި އެމަނިކުފާނު ވަނީ އަދުލު އިންސާފުގެ ނިޒާމުގެ ތެރެއަށް، ސަރުކާރުގެ ކުޑަވެސް ނުފޫޒެއް ވަންނާނެ ޖާގަ ނުދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ''މީގެއިތުރަށް، އަޅުގަނޑުމެން ކަށަވަރުކުރަން ބޭނުންވަނީ، ރާއްޖޭގެ ބާރުތަކުގެ މިނިވަންކަން. ވަކިން ޚާއްޞަކޮށް، ޢަދުލު އިންޞާފުގެ ނިޒާމުގެ ތެރެއަށް، ސަރުކާރުގެ ކުޑަވެސް ނުފޫޒެއް ވަންނާނެ ޖާގަ ނުދިނުން. މީގެ މާނައަކީ، ފަހަރެއްގައިވެސް ދިވެހިރައްޔިތުންނާއި ދިވެހި ދައުލަތަށް ޚިޔާނާތްތެރިވުމުން، އެފަދަ ކުށްތައް ކުރާ ފަރާތްތަކާ މެދުގައި ސަރުކާރުން ލޯ މަރާލުމެއް ނޫން. އެއާ ޚިލާފަށް، މީގެ މާނައަކީ ސަރުކާރުން، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން މި ހިނދުން މި ހިނދަށް ނިމުން. އެކަން މި ނިންމީ.'' 17 ނޮވެންބަރު 2025 ގައި މިވައުދުވެވަޑައިގެންނެވި ނަމަވެސް ސަރުކާރުގެ މެޖޯރިޓީ އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން 26 ފެބްރުއަރީ 2025 ގައި ވަކި ވަކިން ވޯޓަށް އަހައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ދަށް ކުރާ ބިލު ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
އަވަސްއަރުވާލައިގެން މި ބިލު ފާސްކޮށްފައިވަނީ ގާނޫނީ ދާއިރާގެ ގިނަ ބޭފުޅުން މިކަމާއި ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށްށެވެ. އަދި މިހާރު ވެސް މި ބިލު ތަސްތީގު ނުކުރެއްވުމަށް ބާ ކައުންސިލްއާއި، އެކިއެކި ދާއިރާތަކުން ސަރުކާރަށް ދަނީ ގޮވާލަމުންނެވެ.
މިފަދަ ބިލެއް މަޖިލީހުން ފާސްކޮށްފައި މިވަނީ ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް އަޑު ފެތުރިފައިވަނިކޮށެވެ. އެއީ ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީ އިން ވަކި ކުރުމުން މެމްބަރުކަން ގެއްލޭ ގޮޮތަށް ގާނޫނު އަސާސީ އަށް ގެނައި ބަދަލު ބާތިލު ކުުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެންނެވެ. ސަރުކާރުގެ ނުފޫޒާއި ބާރު މަޖިލީހުން ގެއްލިދާނެކަމުގެ ބިރު ސަރުކާރަށް އޮތުމުން ކަމަށް ވެސް ބައެއް ބޭފުޅުންދަނީ ވިދާޅުވަމުންނެވެ.
ނަމަވެސް މިފަދަ ނުފޫޒެއް، ގާނޫނުއަސާސީގެ ދަށުން ގާއިމުކުރެވިފައިވާ އެންމެ މަތީ ޝަރުއީ މަޖިލިސް ކަމުގައިވާ ސުޕްރީމް ކޯޓަށް ސަރުކާރުން ކުރުމަކީ އެކަމުގެ ގެއްލުން މުޅި ގައުމަށް ކުރާނެ ކަމެކެވެ. ރައްޔިތުންގެ އިތުބާރު ޝަރުއީ ނިޒާމަށް ގެއްލިގެންދާނެއެވެ. އަދި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ހުރަސްއެޅޭނެއެވެ. އަދި އަދުލު އިންސާފު ނެތް ތަނެއްގައި ގައުމުގެ ހަމަޖެހުމެއް ވެސް ނޯންނާނެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލު، ރައީސް މުއިއްޒު ތަސްތީގު ކުރެއްވުމާއެކު، ބާރުތައް ވަކިކުރުމުގެ އުސޫލު ނެތިގެންދާނެއެވެ. ގާނޫނު ހަދާ މަޖިލީހާއި، ވެރިކަން ހިންގާ ފަރާތުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިފިނަމަ، ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސް ގެއްލިގެންދިއުމަކީ މުޅި ގައުމަށް އެކަމުން ނުރައްކާ ކުރިމަތިވާނެ ކަމެކެވެ. މީގެ އިތުރުން ޝަރުއީ ދާއިރާގެ މިނިވަންކަމަކީ ޑިމޮކްރަސީގެއެއް މިންގަނޑުކަމުން މި ބިލާއެކު، ބައިނަލްއަގުވާމީ މުޖުތަމައުގެ އިތުބާރު ވެސް ގައުމަށް ގެއްލިގެންދާނެއެވެ.
އަދުލުއިންސާފު ގާއިމްކޮށް، ޝަރުއީ ދާއިރާ މިނިވަންކަމާއެކު ކުރިއަށް ގެންދަވާނެކަމުގެ ވައުދުފުޅާއެކު ވެރިކަމަށް ރައީސް މުއިއްޒު ވަޑައިގެންނެވި ނަމަވެސް ފެނިގެންދަނީ ބޭނުންފުޅުވާ ގޮތަަށް ކަންކަން ކުރުމަށްޓަކައި، ގާނޫނު އަސާސީތަން ނުދިން ނަމަވެސް މަޖިލީހުގެ ނެތް ބާރު ބޭނުންކުރައްވާތަނެވެ. ގައުމުގެ ހުރިހާ ބާރެއް އެއްކޮށް ގައުމުގެ ހުރިހާ ކަމެއްގައި އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ނިންމަވާތަނެވެ. ނިންމެވުންތައް ނިންމެވުމުގައި ޑިމޮކްރަސީއެއް ގާނޫނު އަސާސީއެއް ބެއްލެވުމެއް ނެތްކަން މިވަނީ ހާމަވެގެން ގޮސްފައެވެ. އެހެންކަމުން ރައީސް މުއިއްޒު ނުފޫޒު ނުފޯރުވާނެ ކަމަށް ވިދާޅުވި ޝަރުއީ ދާއިރާއަށް އަތްބާނާ މުޅި ދައުލަތަށް އެންމެފަހުން މިލެއްވީ މުށުތެރެއަށްނުންތޯއެވެ.