ކ. މާލެ
|
25 ފެބްރުއަރީ 2025 | އަންގާރަ 12:39
ސުޕްރީމްކޯޓުގައި ކުރިއަށް ދިޔަ އަޑު އެހުމުގައި މައްސަލަ ހުށަހެޅުއްވި އަލީ ހުސައިން (ވ) އަދި އެމްޑީޕީގެ ވަކީލުން (ކ) ގައި
ސުޕްރީމްކޯޓުގައި ކުރިއަށް ދިޔަ އަޑު އެހުމުގައި މައްސަލަ ހުށަހެޅުއްވި އަލީ ހުސައިން (ވ) އަދި އެމްޑީޕީގެ ވަކީލުން (ކ) ގައި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލަ
މެންބަރުން ވަކިކުރެވޭ މައްސަލައިގެ އަޑުއެހުންތައް އަވަސްކޮށްދިނުމަށް އެދިއްޖެ
މައްސަލައަށް ޖަވާބުދާރީވުމަށް މައްސަލަ ރައްދުވާ އެޓަރނީ ޖެނެރަލްގެ އޮފީހަށް 10 ދުވަހުގެ ފުރުސަތެއް ވަނީ ދީފައި
މަޖިލީހުން މިހާރު އަމަލުކުރަމުންދާ ގޮތުގެ ސަބަބުން، މި މައްސަލައަށް ނޭދެވޭ ގޮތެއްގައި އަސަރު ކުރުމުގެ ފުރުސަތު އެބައޮތް
މެންބަރުން ވަކިކުރެވޭ މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނިކޮށް ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން ކޯޓުތަކުގެ ގާނުނަށް ވަނީ އިސްލާހެއް ހުށަހަޅާފައި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑިގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލަ ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައި މިހާރު ހިނގަމުންދާ ޝަރީއަތް އަވަސްކޮށްދިނުމަށް އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭގޮތަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލު ބާތިލުކުރުމަށް ސްޕްރީމް ކޯޓަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިނެވެ.

އަލީ ހުސައިން އަންގާރަ ދުވަހު ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއަތަސިމް އަދުނާނަށް އެޑްރެސްކުރައްވާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލު ބާތިލުކުރާ މައްސަލައާ ގުޅިގެން 18 ފެބްރުއަރީ 2025 ވަނަ ދުވަހު ބޭއްވުނު ޝަރީއަތުގެ އަޑުއެހުމުގައި، މި މައްސަލަ މައުލޫއީ ގޮތުން ކުރިއަށް ގެންދިޔުމަށް ނިންމައި، މައުލޫއީ ގޮތުން މައްސަލައަށް ޖަވާބުދާރީވުމަށް މައްސަލަ ރައްދުވާ އެޓަރނީ ޖެނެރަލްގެ އޮފީސް (ދައުލަތް) އަށް 10 ދުވަހުގެ ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އަދި މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ނިންމުމަކާ ގުޅުންހުރި މައްސަލައަކަށްވެފައި، އެ މަޖިލީހުން މިހާރު އަމަލުކުރަމުންދާ ގޮތުގެ ސަބަބުން، މި މައްސަލައަށް ނޭދެވޭ ގޮތެއްގައި އަސަރު ކުރުމުގެ ފުރުސަތު އޮތްކަމަށް ފެންނަ ކަމަށެވެ. އެހެންކަމުން، ވެވަޑައިގެންނެވި އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި މައްސަލައިގެ އަޑުއެހުމެއް ތާވަލު ކޮށްދެއްވުމަށް އަލީ ހުސައިން ވަނީ އެދިވަޑައިގަންނަވާފައެވެ.

މީގެ އިތުރުން އަލީ ހުސައިން ވަނީ މެންބަރުން ވަކިކުރެވޭ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށްދަނިކޮށް މެންބަރުން ވަކިނުކުރެވޭނެ ގޮތަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.

ސިޔާސީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓުން ބެލޭނެ ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މިއާއެކު ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ދަށްކޮށް ދެ ފަނޑިޔާރަކު ބެންޗުން ވަކި ކުރުމަށް މަގު ފަހިވާ ގޮތައް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަން ބިލެއް ވަނީ ވެސް މަޖިލީހަށް ހުށަހަޅާފައެވެ.

ސުޕްރީމު ކޯޓުގެ ބެންޗުގެ އަދަދަށް ބަދަލު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީ އަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދުއެވެ. ހޯމަ ދުވަހު މަޖިލީހަށް ހުށަހެޅި ބިލު ބަލައިގަނެ، އަންގާރަ ދުވަހުގެ ޖަލްސާފައި މި ބިލަށް ބަހުސްކޮށްފައިވެއެވެ.

ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް 8 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު ގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމު ކޯޓު އެކުލެވިގެން ވަނީ އުއްތަމަ ފަނޑިޔާރާ އެކު އެކޯޓަށް އައްޔަނު ކުރެވިފައިވާ، ޖުމްލަ 5 ފަނޑިޔާރުންގެ މައްޗަށް ކަމަށް އެ އިސްލާހުގައި ވަނީ ބުނެފައެވެ.

ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކޮށްފައިވާ ފަނޑިޔާރަކު އޭނާގެ މަގާމުން ވަކި ކުރެވޭނީ ފަނޑިޔާރު ކަމުގެ މަގާމަށް އެމީހަކު ގާބިލު ނޫން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގަބޫލު ކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުން ކަމަށެވެ.

އެ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރުމަށް ޖޭއެސްސީ އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުންގެ ނަންތައް މި ގާނޫނަށް އަމަލު ކުރަން ފަށާތާ ގިނަ ވެގެން 5 ދުވަހުގެ ތެރޭގައި ޖޭއެސްސީ އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އަދި ރައްޔިތުންގެ މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ މަދުވެގެން 7 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން އެ ފަނޑިޔާރުން މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަންވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ދުސްތޫރީ މައްސަލަ އެއް ކޯޓުގައި ހިނގަމުން ދަނިކޮށް ކޯޓުގެ ފަނޑިޔާރުންގެ އަދަދަށް ބަދަލު ގެންނަން ސަރުކާރުން ކުރާ މަސައްކަތަކީ ކޯޓަށް ނުފޫޒު ފޯރުވުމަށް ހިންގާ ކަމެއް ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒު ވެފައެވެ.

ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ކޯޓުތަކަށް ނުފޫޒު ނުފޯރުވާނެ ކަމަށް މީގެ ކުރިން އެތައް ފަހަރަކު ވިދާޅުވެފައެވެ.

- ކޮމެންޓް