މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ އަށް ސިހުރުހާހޫރާއި ފަންޑިތަ ހަދާކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެއްގައި ބަޔަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްފައި ވަނީ ހުކުރު ދުވަހުއެވެ.
އަތޮޅު ކައުންސިލަށް ސިހުރު ހަދާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ވެސް އުނގޫފާރު ދެ މީހުންނެވެ.
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ދެ މީހުންނަކީ އުނގޫފާރު، ރިވެލިގެ، މުހައްމަދު އަމްޖަދު، 61، އާއި ނަސީމީ ހިޔާ، މުހައްމަދު ވަހީދު 67، އެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށްޓަކާ ކޯޓަށް ހާޒިރުކުރުމުން އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފަހަކަށް އައިސް ސިހުރުގެ މައްސަލަތައް ރިޕޯޓު ކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައި ކަމަށް ކަމާއި ބެހޭ އިދާރާތަކުން ބުނެއެވެ.
އެގޮތުން ދާދި ފަހުން ހދ. ކުޅުދުއްފުށީގައި ވެސް ސިހުރު ހެދިކަމަށް ތުހުމަތުކުރެވޭ މައްސަލަ އެއް ވަނީ ފެންމަތިވެފައެވެ.