ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމު ދިފާއު ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލިސް "ފުނޑާލައި" ރައްޔިތުންނަށް ވަރަށް ބޮޑަށް އަނިޔާވެރިވެއްޖެ ކަމަށް މަތިވެރި ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި ހުސެއިން މުހައްމަދު ވިދާޅުވީ މަޖިލިސް މެމްބަރުނަށް ރައްޔިތުންގެ މަޖިލީހަށް ނުދެވޭނެ އުސޫލެއް ވެސް ގަވައިދެއް ވެސް ނޯންނާނެ ކަމަށެވެ. މަޖިލީހުގެ އިމާރާތައް އެސްއޯ ފުލުހުން ވަނުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ރައްކާތެރި ކުރެވިފައިވާ ސަރަހައްދެއް. ސިފައިންވެސް ވަންނަން ވީމަ ވަންނަން ވީ. ފުލުހުންވެސް ވަންނަން ވީމަ ވަންނަން ވީ. މިއަދު އެތަންތަން ބަލަހައްޓަން ތިބި މީހުންވެސް އަދި ނުވަދެވޭނެ، ނޫނީ މި ދޮރަކުން ނުވަދެވޭނެ، އެ ކޮޅަކަށް ނުދެވޭނެ، މި ގޮތަށް. އެހެންވީމަ މަޖިލިސް ވެސް އޭނާ ފުނޑާލައިފި. މެމްބަރުންގެ މައްޗަށް އިންތިހާއަށް އަނިޔާވެރިވެއްޖެ،" ހުސެއިން މުހައްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ މެމްބަރުންތަކެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ތިއްބަވަނިކޮށް ގަދަކަމުން ނެރެގެން މަގު މައްޗަށް ނެރެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނުދެއްކޭނެ ކަމަށެވެ. މަޖިލީހަށް ސިފައިން ވައްދައިގެން ކުރަމުންދާ ކަންކަމަކީ ގާނޫނު ހަދާ މަޖިލީހަކުން ކުރާނެ ކަންކަން ނޫން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ހުސެއިން މުހައްމަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ މަސައްކަތްތައް ކުރެވޭތަން މިއަދު ނުފެންނަ ކަމަށެވެ.
"މިދިޔަ ދުވަސްތަކުގައި ވަކި ބާރެއްގެ ގޮތުގައި އޮޕަރޭޓް ކުރަމުންދިޔަ ތަނެއް. މިހާރު ކޮބައިތޯ ރައްޔިތުންގެ މަޖިލިސް، ސަރުކާރު ޒިންމާދާރު ކުރުވަން ކުރެވޭ ކަމަކީ ކޮބައިތޯ. ސިފައިން ވައްދައިގެން ވަށައިލައިގެން މިވެނި މީހެއްގެ ނަމަކޭ ފާސްކުރަނީ. ކޮމެޓީއަކަށް ނަމެއް ފޮނުވާނީއޭ ކިޔާ ނިންމާލަނީ. މިއީ ތޯ މަޖިލިސް ހިނގާ ގޮތަކީ،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނެތަސް މަޖިލީހުގެ އިމާރާތުގައި ކުރަން ޖެހޭ ކަންކަން ހުންނާނެކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އެތަނަށް މެމްބަރުން ވަޑައިގަންނަ ސަބަބުތައް އެމްއެންޑީއެފް އިން ސާފުކުރަން ނުޖެހޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި ގަވައިދުތަކާ ހިލާފަށް ކަންކަންދާކަން ތަކުރާރުކޮށް ފާހަގަ ކުރައްވާ އޭނާ އިތުރަށް ވިދާޅުވީ އެކަންކަން ކުރަނީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލުމުން ކަމަށެވެ. ސަރުކާރަށް މެޖޯރިޓީ ހޯދުމަށްޓައި މަޖިލިސް މެމްބަރުންގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރާކަމަށް އޭނާ ތުހްމަތު ކުރެއްވި އެވެ.
ސަރުކާރުން މަޖިލިސް ހުއްޓުވާފައިވަނީ ވައްކަމުގެ މައްސަލަތައް ބަލާފާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.